ކޯވިޑް-19 އާއި ގުޅިގެން މީޑިއާތައް ގުޅިގެން ހިންގާ ""ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕެއިނަށް ހާއްސަކޮށްގެން ހެދި ލަވަ މިއަދު ލޯންޗް ކޮށްފި އެވެ.
މި ލަވަ ރަސްމީކޮށް ލޯންޗް ކޮށް ދެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ.
މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ މި ލަވަ، ކިޔާފައި ވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ލަވައިގެ މިއުޒިކު ހެދީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.
އެގާރަ ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެއެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މި ހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީ އާއި އެކި އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި "ގައުމުގެ އިހުސާސް" ތައް ގެނެސްދީފައިވެ އެވެ.
https://youtu.be/ymRNxV7uTQ8
ދިވެހި މީޑިއާއިން އިސް ނަގައިގެން ކޯވިޑާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ހާއްސަ ކެމްޕެއިން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ކެމްޕެއިންގެ ދަށުން ހުރިހާ މީޑިއާއެއް ގުޅިގެން ހެލުންތެރިކަން އިތުރު ކުރުމުގެ މައުލޫމާތާއި ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އިހުސާސްތައް ދަނީ ގެނެސްދެމުންނެވެ. އަދި ސިއްހީ ދާއިރާގައި ފަރުބަލި ކަމެއްނެތި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ތަޖުރިބާ ދަނީ މީޑިއާ މެދުވެރިކޮށް ގެނެސްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް