އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އަނެއްކާވެސް ފުރަބްނަދަކަށް ދާން ނިންމައިފިއެވެ.
މިގޮތަށް ނިންމީ އެގައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުއްލިއަކަށް ގިނަވާން ފެށުމުންނެވެ.
އެގައުމުގެ ސިއްހަތާބެހޭ ވުޒާރާ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވެ، މިހާރުވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައެވެ. އަދި ކޮމިއުނިޓީ ސްޕްރެޑް ދިގުލާ ހިނގައްޖެނަމަ، ސިއްހީ ނިޒާމަށް ކެތްނުކުރެވެ ވަރުގެ ނުރައްކަލެއް މެދުވެރިވެދާނެ ކަމަށެވެ.
ޖަކާޓާގެ ގަވަރުނަރު އަނީސް ބަސްވިދާން އާ ހަވާލާދީ ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ދެ އަވަށެއް ފިޔަވައި ހުރިހާ އަވަށްތަކެއް ފުރަބަންދަށް ދާނެ ކަމަށެވެ.
ފުރަބަންދުގެ މުއްދަތުގައި އެއްވެސްކަހަލަ އުޅަނދެއް ނުދުއްވޭނެ ކަމަށާއި ވިޔަފާރިތަކާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުވެސް ނުކުރެވޭނެ ކަމަށް ވަނީ އަންގާފައެވެ.
ނަމަވެސް ފުރަބަންދު ކުރާ އަވަށްތަކުގެ މުނިސިޕަލް އޮފީސްތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަކިވަކިން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބާރު އަވަށްތަކުގެ މުނިސިޕަލް އިދާރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް