ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށްޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މެޑިކަލް ސަޕްލައިސް ހަދިޔާ ކޮށްފި އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. ޕީޕީއީ ހަވާލުކޮށްދެއްވީ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރު ލީ ހުއާންބިން އާއި، ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝީ ވަންޗުން އެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްވެސް ބައިވެރިވެވަޑައިގަތެވެ.
ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 20 ހާސް މެޑިކަލް މާސްކް، 10 ހާސް މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީ އެވެ. މިއަދު ޗައިނާ ކުންފުނިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޯވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށެވެ. އަދި ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކޯވިޑް-19 އިން އަރައިގަތުމަށާއި، ކޯވިޑް-19ގެ ސަބަބުން ދެ ގައުމުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޯވިޑް-19 އާ ކުރިމަތިލާފައިވާ މި ދުވަސްވަރު ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށްޓަކައި ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕަށާއި، ޗައިނާ ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް