ގދ. ހޯނޑެއްދޫ އަކީ މާލެ ފިޔަވައި މިހާތަނަށް ކޯވިޑް-19 ގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ރަށެވެ.
އިއްޔެގެ ނިޔަލަށް އެ ރަށުން 36 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވާ 100 އަށްވިރެ ގިނަ މީހުން އެބަތިއްބެވެ. އަދި އޭގެ ތެރެއިން 60 އަށްވުރެ ގިނަ މީހުންގެ ގައިން ކޯވިޑްގެ އަލާމާތްތައް ފެނެ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދަނީ އެ ރަށުގައި ކޯވިޑް ފެތުރެން ޖެހުނު ގޮތް ބަލަމުންނެވެ.
އެ ސެންޓަރުން ބުނީ އެ ރަށުގައި ބަލި ފެތުރެމުންދަނީ މާލޭގައި ބަލި ފެތުރެމުންދާ ގޮތަށް ކޮމިއުނިޓީ ޓްރާންސްމިޝަނެއް ގޮތަށް ނޫން ކަމަށެވެ. އެ ރަށް ކަނޑައަޅާފައިވަނީ ކޯވިޑް-19 ގައި ލޯކަލް ޓްރާންސްމިޝަނެއްގެ ގޮތުގައި އެވެ.
އޭގެ މާނައަކީ އެ ރަށުގައި ބަލި ފެތުރެމުންދާ ގޮތް ނުވަތަ އެހެން މީހުންނަށް ބަލި ފެތުރެން ޖެހުނު ގޮތް އެނގެ އެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ހޯނޑެއްދޫއިން ޕޮސިޓިވްވި އެންމެންނަކީ އެއް އާއިލާ އަނެއް އާއިލާ އާއި ގުޅިފައިވާ މީހުން ކަމަށެވެ. އަދި އާއިލީ ގޮތުން ދުރުބަޔަކު މިހާތަނަށް ޕޮސިޓިވްވެފައި ނުވާ ކަމަށެވެ.
އެ ރަށުގައި ފުރަތަމަ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހުންނެވެ. އެމީހުން ތިބީ ވަކި ގެއެއްގައި އެއްކޮށްނެވެ.
މިހާތަނަށް އެޗްއީއޯސީން ހޯދާފައިވާ ހޯދުންތަކާއި ބެހޭގޮތުން އެ ސެންޓަރުން ބުނީ ކަރަންޓީންގައި ތިބި މީހުންނާއި އިތުރު ބަޔަކު ބައްދަލު ނުވާކަމަށް އެމީހުން ބުނާކަމަށެވެ. އަދި ކަރަންޓީންގައި ތިބި މީހުން ބޭރުތެރެއަށް ނުކުމެ އުޅެފައިނުވާކަމަށްވެސް ވެ އެވެ.
އެކަމަކު މި ވާހަކަތައް އެ ރަށުގެ ބައެއް މީހުން ދޮގު ކުރެ އެވެ. ހޯނޑެއްދޫއިން "ދުވަސް" އާއި މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނީ ކަރަންޓީންގައި ތިބި މީހުން ތިބި ގެއަށް އެ އާއިލާގެ ބަޔަކު ގޮސް އެމީހުންނާއި ބައްދަލު ކުރާކަން ރަށުގެ ގިނަ މީހުންނަށް އެނގޭ ކަމަށެވެ. އަދި ޕޮސިޓިވްވި މީހުންނަށް ބަލާއިރު އެ އާއިލާގެ މީހުން އެކަނި އޭގެ ތެރޭގައި ހިމެނުމަކީ އެކަމުގެ ހެކި ކަމަށެވެ.
އެހެން މީހަކު ބުނީ ކަރަންޓީންގައި ހުރި މީހުުންގެ ތެރެއިން އެކަކަކީ މާލެއިން ކޯވިޑަށް ޕޮސިޓިވްވި މީހެއްގެ ޑައިރެކްޓު ކޮންޓެކްޓެއް ކަމަށެވެ. ރަށު ތެރޭގައި ބަލި އިތުރަށް ފެތުރެމުން މިދަނީ ދޮގު ހަދައި ސައްހަ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ޕޮސިޓިވްވި މީހުންގެ ފަރާތުން ދެމުން ނުދާތީ ކަމަށް ބުނެ އެވެ.
އެ ރަށު މީހުންގެ މިފަދަ ވާހަކަތާއި ގުޅިގެން ރޭ އެޗްއީއޯސީން ވަނީ ކަރަންޓީންގައި ތިބި މީހުން އެހެން ބަޔަކާއި ބައްދަލުވެފައިވޭތޯ ބެލުމަށް އިތުރު މަސައްކަތްތައްތަކެއް ކުރަމުންދާކަން ހާމަކޮށްފައި އެވެ.
އެޗްއީއޯސީ އާއި ރަށުގެ ބައެއް އާންމުންގެ ވާހަތަކަށް ބަލައި ހޯނޑެއްދޫގައި ބަލި ފެތުރެމުންދަނީ ވަކި ބައެއްގެ މެދުގައި ކަން ވަނީ ހާމަވެފައި އެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ފެށުން ގުޅިފައިވަނީ ކަރަންޓީންގައި ތިބި މީހުންނާއިކަންވެސް އެނގެ އެވެ.
ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވާ މީހުން ގަވައިދާ ހިލާފުވާ މައްސަލަ އަކީ އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ. ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވީ ކޯވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެ ކަންކަމަށް އާންމުން އަމަލު ކުރޭތޯ ބަލަން ކޮންމެ މީހެއްގެ ފަތަރުގައި ފުލުހަކު ބެހެއްޓުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
އޭގެ ބަދަލުގައި އާންމުންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ މީހާގެ ފަރާތުން އެހެން މީހަކަށް ބަލި ނުޖެހޭނެ ގޮތަކަށް އަމަލުތައް ބަހައްޓަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް