ސިލްސިލާ ވާހަކަ: ޒާރާ - ނަވާވީސްވަނަ ބައި

''ޒާރާ.... ތީ އަހަރެންގެ ލޯބިވާ އަނބިމީހާ..... ޒާރާދެކެ އަހަރެން ހިތާފުރާނައިން ލޯބިވަން.... އަހަރެން ޒާރާދެކެ މިވާ ލޯތްބަށް ދުވަހަކުވެސް ފަނޑުކަމެއް ނާންނާނެ..... އަހަރެންނަށް ޒާރާ ލިބުނަސް ޒާރާގެ ލޯ...

10 Sep 2020 | 06:11

''ޒާރާ.... ތީ އަހަރެންގެ ލޯބިވާ އަނބިމީހާ..... ޒާރާދެކެ އަހަރެން ހިތާފުރާނައިން ލޯބިވަން.... އަހަރެން ޒާރާދެކެ މިވާ ލޯތްބަށް ދުވަހަކުވެސް ފަނޑުކަމެއް ނާންނާނެ..... އަހަރެންނަށް ޒާރާ ލިބުނަސް ޒާރާގެ ލޯބި ލިބޭނެބާ..... އިންތިޒާރު ކުރާނަން..... ގުޑްނައިޓް....'' ދުލުން އެބަސްތައް ބޭރު ނުވިކަމުގައި ވިޔަސް އޭއީ އޭނާގެ ހިތުގެއަޑެވެ. އެމީހަކު އެންމެލޯބިވާމީހާ ހަޔާތުގެ ބައިވެރިއަކަށްވުމަށްފަހު އެ ބައިވެރިޔާއާ އެކުގައި އެހެނަސް ދުރުގައި ހުރެވޭނެހެއްޔެވެ. ޒާރާ އާ އެންމެ އިންޗިއެއްވެސް ދުރަށް ޖެހިލުމަކަށް އިމްރާންގެ ޒަމީރު އެއްބަހެއް ނުވިއެވެ. ޒާރާއަށްވެފައިވާ ވައުދުމަތިން އިމްރާން ހަނދާންނެތުނު ކަހަލައެވެ. މަޑުމަޑުން އިމްރާން ޒާރާގެ މޫނާދިމާލަށް ގުދުވެލިއެވެ.

އިމްރާނުގެ ހިތް އެދި އާދޭސްކުރަމުންދިޔައީ ޒާރާގެ ނިތްކުރީގައި ބޮސްދިނުމަށެވެ. އޭނާގެ ހަށިގަނޑު އެދެމުން ދިޔައީ ޒާރާގެ ހަށިގަނޑުގެ ހޫނުކަމަށެވެ. ތުންފަތް ހަރަކާތްކުރިއެވެ. އޭނާގެ ދެއަތް އެދެމުން ދިޔައީ ޒާރާގެ ނާޒުކު ތުނި ހަށިގަނޑު އެއަތުގެ ތެރޭގައި ބޮނޑިކޮށްލުމަށެވެ. ބޭއިޚްތިޔާރުގައި އަރާމު ނިދީގެ ތެރޭގައި ފީނަމުންދާ އޭނާގެ އަނބިމީހާގެ މޫނާދިމާއަށް ގުދުވެވުނެވެ. ހަމަ އެ ހިނދު އިމްރާންގެ މޫނު ޒާރާގެ މޫނާ ކައިރިކޮށްލެވުނެވެ. އިމްރާންގެ ހޫނު ނޭވާ ޒާރާގެ މޫނަށް އެޅުނު ވަގުތު ޒާރާ އަތް ހަރަކާތް ކުރިއެވެ. ނިދީގައި ފުރޮޅިލިއެވެ. ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު އޭގެ ޖާގަދޫކޮށް ތިރިއަށް ކެހިގެންދިޔައެވެ. އިމްރާން ތެޅިގެންފައި ތެދުވިއެވެ. ހީވީ ގަޔަށް ދިރޭ އެއްޗެއް ކަށިޖެހިހެނެވެ.  ޒާރާއަށް ހޭލެވިއްޖެއްޔާ އޭނާ ފެންނާނެއެވެ. ނުބައި ހީއެއް ޒާރާއަށް ކުރެވޭކަށް އިމްރާން ބޭނުމެއްނޫނެވެ. ޒާރާ ދެކެ އިމްރާންވަނީ އެއަށްވުރެ މާތް، ތެދުވެރި ލޯތްބެކެވެ. އެކަން ޒާރާއަށް އިހްސާސް ކޮށްދިނުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް އިމްރާން ވެދާނެއެވެ.  އެނދުގައިހުރި ބާލީސްތަކުން ބާލީހެއް ނެގުމަށްފަހު ސޯފާއާދިމާއަށް އިމްރާން ހިނގައިގަތެވެ. އޮށޯވެ ހަމަޖެހިލުމަށްފަހު ނިދޭތޯ ލޯމަރާލިއެވެ.

ޒާރާއަށް ލޯހުޅުވާލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ.  އަވަސްއަވަހަށް ބަލާލެވުނީ ސޯފާއާ ދިމާއަށެވެ. އިމްރާނެއް އެތާކު ނެތެވެ. ސޯފާގެ ބާލީސްތައް ތަރުތީބުން ހުއްޓެވެ. ރޭގައި އިމްރާން ނިދަން ނުވަންނަނީ ބާވައެވެ. އެނދުގައި ހުރި ބާލީސްތައްވެސް ޒާރާ އޮށޯތްއިރު ހުރިގޮތަށް ހުއްޓެވެ.

ކޮޓަރިތެރެއަށް ކުޑަދޮރުން ފުރޭނިގެން ވަދެފައިވާ އިރުގެ އަލިކަން ފެނުމުން ޒާރާއަށް ތެޅިގަނެވުނެވެ. ގަޑިން ހެނދުނު ނުވައެއް ޖަހަނީއެވެ. މިހާ ލަސްވަންދެން ނިދަންއޮތުމަކީ ޒާރާކުރާކަމެއް ނޫނެވެ. ފަތިސްނަމާދަށް ނުތެދުވެ ނިދަން އޮތުމަކީ ޒާރާކުރާކަމެއް ނޫނެވެ. ކުއްލިއަކަށް ބައްޕަ މަތިން ހަނދާންވިއެވެ. އަވަސްއަވަހަށް ފޯނު ބަލާލިއެވެ. ބައްޕަ ގުޅާލާފައިވެސް ނެތެވެ. ބައްޕަ ބަލިވީބާވައޭ ހީވެ، ހިތް އަވަސްވާންފެށިއެވެ. ޒާރާ ބޭނުންވީ ބައްޕައަށް ގުޅާލާށެވެވެ.

އެތައްފަހަރަކު ގުޅުމުންވެސް ބައްޕަ ފޯނެއް ނުނެގިއެވެ. ޒާރާ ހާސްވެ ކަންބޮޑުވާންފެށިއެވެ. އަވަސްއަވަހަށް ފެންވަރާ ނަމާދުކޮށްލިއެވެ. ތައްޔާރުވެލައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ކޮޓަރި ދޮރުގެ އަތްގަނޑުގައި ނުހިފި އުޅެނިކޮށް ދޮރު ހުޅުވުނެވެ. ހުދުކުލައިގެ ޓީޝާޓަކާ ނޫކުލައިގެ ޖީންސްގައި ހުރި އިމްރާން ފެނުމުން ޒާރާ އަށް ފަހަތަށް ޖެހިލެވުނެވެ.

''ހާދަ ލޯތްބޭ....މަގޭ ޒާރާ..... މާޝާ ﷲ...... އަހަރެން ކިހާ ނަސީބުގަދަ.....ތިހާ ރީތި ކުއްޖަކާ މެރީ ކުރެވޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށްނު......'' އިމްރާން ހިނިތުންވެލިއެވެ.

ޒާރާގެ ހިތަށް ކަށިތަކެއް ހެރުނުފަދައެވެ. ''އެހެންމީހެއްގެ ލޯބިވެރިޔާ އަތުލައިގަނެވުނީމަ އެއީ ނަސީބު ކަމުގައިވާނަމަ އިމްރާން އެބުނީ ތެދެކެވެ. މީހެއްގެ ހިތެއް ހަލާކުކޮށްލުމަށްފަހު އެ ހިތުގެ މައްޗަށް ވެރިވެގަނެ ނުފޫޒު ފޯރުވުން އެއީ ނަސީބުކަމުގައިވާނަމަ އިމްރާނަކީ ނަސީބު ވެރިއެކެވެ. ލޯތްބަށް އެދި ތެޅެމުންދާ ހިތެއް އެ ލޯތްބާ މުޅިއުމުރަށް ވަކިކުރުވުމަކީ ނަސީބު ކަމުގައި ދެކޭކަމަ އިމްރާން އަކީ ނަސީބު ވެރިއެކެވެ..'' ޒާރާގެ ހިތާހިތުން އިމްރާނަށް އެއްޗިހި ކިޔަމުންދިޔައެވެ.

''ޒާރާ..... ސައިބޯން ހިނގާ..... މަންމަ ވަރަށް އަހައިފި ޒާރާ ވާހަކަ..... ސައިވެސް ނުބޮއި އެބައިން ޒާރާ ނިކުންނަންދެން.....'' އިމްރާން ދޮރު ހުޅުވާލަމުން ޒާރާ ނިކުންނަން ތަންދެއްކިއެވެ. އިމްރާނުގެ މޫނަށް އެންމެ ފަހަރަކުވެސް ޒާރާ ނުބަލައެވެ. އަނގައިން ނުބުނި ކަމުގައިވިޔަސް ޒާރާގެ އެތެރެހަށި އަނދަމުންދަނީއެވެ. އިމްރާން މާ އޯގާރެތި ސިފައެއްދައްކަން މަސައްކަތް އެކުރަނީ ޒާރާއާ ގާތްވުމަށްކަން ޒާރާއަށް ޔަގީން ކުރެވޭތީއެވެ. އެ ފުރުސަތު އިމްރާނަށް ނުދިނުމަށް މާ ކުރިއްސުރެ ޒާރާ ވަނީ އަޒުމް ކަނޑައަޅާފައެވެ.

ޒާރާ ނިކުންނަން ހިނގައިގަތެވެ. ދޮރުން ބޭރަށް ފައި އެޅުމާއެކު އިމްރާން ފަހަތުން ޒާރާގެ އަތުގައި ހިފެހެއްޓިއެވެ. ޒާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެގޮތަށް އިމްރާން ކަންތައް ކޮށްފާނެ ކަމުގައި ގަބޫލު ކުރެވިފައި ނެތީމައެވެ. ޒާރާ އެނބުރި އިމްރާނުގެ މޫނަށް ބަލާލިއެވެ. އަދި އިމްރާނުގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެންނަން ހުރުމުން އިމްރާން ދެރަވިއެވެ.

''ވާހަކައެއް ބުނަންވެގެން ޒާރާ މި މަޑުކުރުވީ.....'' އިމްރާން ހަމަޖެހިލަން މަސައްކަތްކުރިއެވެ.

''ވާހަކަ ބުނާނީ އަނގައިން.....'' ޒާރާ އެބުނި އެއްޗެއް އިމްރާނަށް ކިތައްމެ ރަނގަޅަކަށްވެސް އެނގުނެވެ. ޒާރާގެ އަތުގައި ހިފުން އެއީ ކުށެއްކަމަކަށް އިމްރާން ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް އެއީ ކުށެއްކަމަށް ޒާރާ ގަބޫލުކުރާނަމަ އިމްރާށް އެކުށަށް މާފަށް އެދެން އޭނާ ބޭނުމެވެ.

''ސޮރީ..... '' އިމްރާން ހިނިތުންވެލިއެވެ.

''އަހަރެމެން ދެމެދުގައި އޮތް ގުޅުން މަންމަމެންނަށް ނޭންގުމަކީ އަހަރެންގެ ވަރަށްބޮޑުއެދުމެއް... '' އިމްރާން މަޑުމަޑުން ބުނެލިއެވެ. އެހެންމީހަކަށް އިވިދާނެތީ އޭނާ ޖެހިލުންވަނީއެވެ.

''ކޮން ގުޅުމެއް....'' ޒާރާ އިމްރާނާ ހަތަރުކަޅި ހަމަކުރާކަށް ބޭނުމެއްނުވިއެވެ. އިމްރާނަށް ފުރަގަސްދިނީ އެހެންވެއެވެ.

''މިބުނީ ....... '' އިމްރާނަށް ބުނަންއުޅުނު އެއްޗެއް ޒާރާއަށް އޮޅުން ފިލުވައިދޭނެ ގޮތެއް ނޭނގުނެވެ.

''ރޭގަ ކަންތައްވީގޮތް މަންމަމެންނަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން..... ޒާރާ މިކަން އަހަންނަށް ކޮށްދޭނެކަމަށް އުންމީދުކުރަން.....'' އިމްރާން މަސައްކަތްކުރީ އިތުރަށް އޮޅުންފިލުވާދޭށެވެ.

''ހުރިހާ ކަމެއް ފޮރުވައިގެން އެހެންމީހުންގެ ހިތްހަމަޖައްސަދޭން ދުނިޔެއަށް އައިސްހުރި މީހެއްތަ އަހަރެންމީ.....'' ޒާރާގެ އަނގައިން ބޭރުވީ އޭނާގެ ހިތް ކުރަމުންދިޔަ ޝަކުވާތަކުން ބައެކެވެ.

ޒާރާ ބޭރަށްނިކުމެ ސިޓިންރޫމާދިމާއަށް ހިނގައިގަތެވެ. ފަހަތުން އިމްރާން ދިޔައެވެ. ސިޓިންރޫމްތެރެއަށް ޒާރާއަށް ނިކުމެވުނުއިރު ސަރީފާ އޭނާގެ އިންތިޒާރުގައި އިނެވެ. ޒާރާ ފެނުމާއެކު ހިނިތުންވެލިއެވެ. ގޭގައި މަސައްކަތްކުރަންގެންގުޅޭ ހަސީނާ ގޭތެރެ ސާފުކުރުމުގައި އަވަދިނެތި އުޅެއެވެ.

''ދަރިފުޅާ އާދޭ އަވަހާ...... މަންމަ މިއިންނަނީ ދަރިފުޅު ނިކުންނަންދެން..... މަގޭ އިމްރާން ކައިރީ ކިތަންމެ ފަހަރަކު އަހާވެސް ލެވިއްޖެ ދަރިފުޅު ހޭލައިފިތޯ.....'' ސަރީފާގެ މޫނުމަތިން ފެންނަނީ އިންތިހާ އުފާވެރިކަމެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް