ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ގޭގައި ކަރަންޓީން ވެގެން ތިބި މީހުންގެ ސިއްހީ ހާލަތާއި މެދު ފަރުވާތެރިވެ ކޯވިޑްގެ ނުރައްކާތެރިކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކޯވިޑް ޖެހިގެން އެއްވެސް އަލާމާތެއް އަދި އަލާމާތް ހުރި މީހުންގެ ތެރެއިންވެސް މާބޮޑު ފަރުވާ ދޭން ނުޖެހޭ މީހުންނަށް ކުއްލި ސިއްހީ މައްސަލަތައް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ކުއްލިއަކަށް ނޭވާ ހާސްވުމަކީ ދިވާމާ ސިއްހީ މައްސަލައެއް ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ ކޯވިޑަށް ޕޮސިޓިވް މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި ތިބި މީހުންނަށް މިފަދަ މައްސަލައެއް ކުއްލިއަކަށް ދިމާވެއްޖެ ނަމަ އަވަސް ފަރުވާ ދެވޭނެ ކަމަށެވެ. އެކަމަކު މިހާރު ބައެއް އާއިލާތަކުގެ ގިނަ ބަޔަކު ޕޮސިޓިވްވުމުން ގޭގައި ކަރަންޓީން ވުމުގެ ފުރުސަތު ދީފައިވާތީ ކުއްލިއަކަށް އެފަދަ ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ ފަރުވާ ދިނުން ލަސްވެއްޖެ ނަމަ ހިތާމަވެރި ހާދިސާއެއް ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.
ޑޮކްޓަރު ވަނީ ގޭގައި ކަރަންޓީން ވެގެން ތިބި ޕޮސިޓިވް މީހުންނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާވާނަމަ ވީހާވެސް އަވަހަކަށް އެއްޕީއޭގެ ހިލޭ ގުޅޭ ނަމްބަރު 1676 އަށް ގުޅައި ވީހާވެސް އަވަހަކަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިވަޑައިގެންފަ އެވެ. ކަރަންޓީންގައި ތިބޭ މީހުންެ ސިއްހީ މައްސަލަތައް ރިޕޯޓު ކުރުމަށް އެ ނަމްބަރަށް ގުޅައި އެކެއް ނެގުމަށް އެދެ އެވެ.
އެފަދަ ހާދިސާއެއް އިއްޔެ ރޭ ދިމާވެފައިވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ. އިއްޔެ ރޭ ހއ. ކެލާގައި ހޯމް ކަރަންޓީންގައި ހުރި ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކު މަރުވެފައި ވަނީ ކުއްލިއަކަށް ނޭވާ ހާސްވެގެންނެވެ. އެމީހާ މަރުވުމުން ކޯވިޑަށް ޓެސްޓު ކުރި އިރު ޕޮސިޓިވްވެފައިވާތީ ނިންމާވައިވަނީ އެއީ ކޯވިޑްގައި މަރުވި މީހެއްގެ ގޮތުގައި އެވެ.
މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވާ ގިނަ މީހުންނަކީ ސިއްހީ މާބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މީހުންނެއް ނޫނެވެ. އެޗްއީއޯސީން މީގެ ކުރިން ބުނީ މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ހާލު ސީރިއަސްވެގެން ފަރުވާ ދީފައިވާ މީހުންނާއި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ގިނައިން ފުއްޕާމޭގެ ބަލިތަކާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.
ރާއްޖެއިން މިހާތަނަށް 8،834 މީހުން ޕޮސިޓިވްވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 6،288 މީހުން ވަނީ ރަނގަޅުވެފައި އެވެ.
މި ބަލީގައި މަރުވެފައިވަނީ 31 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް