ސްޕެނިޝް ލަލީގާގެ އާ ސީޒަން ފަށާ ތާރީޚު ބަދަލުކޮށް، ކުރިން ފަށަން އޮތް ތާރީޚަށްވުރެ ފަސްކޮށްފިއެވެ. މި ހަފުތާގެ ހުކުރު ދުވަހު ކުޅެން އޮތް އާ ސީޒަންގެ ފުރަތަމަ މެޗު މިހާރު ތާވަލު ކޮށްފައިވަނީ ހޮނިހިރު ދުވަހަށެވެ.
ކުރިން މި އަންނަ ހުކުރު ދުވަހުގައި ގްރަނަޑާ އިން އެތުލެޓިކް ކްލަބާ ދެކޮޅަށް އެސްޓާޑިއޯ ނުއެވޯ ލޮސް ކާމެންސް ގައި ކުޅެން އޮތް މެޗު މިހާރު ތާވަލުކޮށްފައިވަނީ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން 21:30 ގައެވެ. އަދި މި ބަދަލުތަކާއެކު މިހާރު ލީގު ހުޅުވާ މެޗަށް ވެސް މި ވަނީ ބަދަލެއް އަހިސްފައެވެ. ކުރިން ފުރަތަމަ މެޗެއްގެ ގޮތުގައި ގްރަނާޑާ އާއި އެތުލެޓިކް ކްލަބް ބައްދަލު ކުރާ މެޗު އޮތަސް ވެސް އެ މެޗުގެ ކުރިން ހޮނިހިރު ދުވަހު އެއިބާ އާއި ސެލްޓަ ވިގޯ ބައްދަލުކުރާ މެޗު ފަށާނެއެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 19:00 ގައެވެ.
ފަހު ވަގުތު މި ބަދަލު މިއައީ ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން (އާރއެފްއީއެފް) އާއި "ލަލީގާ" އާ ދެމެދު، މުބާރާތުގެ މެޗުތައް ހަފުތާގެ ދުވަސްތަކުގެ ތެރޭގައި (ހަފުތާ ބަންދު ދުވަސްތައް ނޫން) ބޭއްވުމާމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައި އޮތުމަށްފަހުގައެވެ. ފަހު ވަގުތު "ކޮމްޕެޓިޝަން ކޮމެޓީ" އިން ވެސް އާރއެފްއީއެފް އާ އެއްކޮޅަށް އަރައި، ހުކުރު ދުވަހާއި ހޯމަ ދުވަހު ލީގުގެ މެޗުތައް ނުކުޅެވޭނެ ކަމަށް ނިންމުމާއެކު ސްޕެނިޝް ލީގުގެ ތާވަލަށް ބަދަލު ގެނައީއެވެ.
މި ބަދަލުތަކާއެކު އަލަވޭސް އާއި ރިއަލް ބެޓިސް ހޯމަ ދުވަހުގެ ރޭގަނޑު ކުޅެން ހަމަޖެހިފައިވާ މެޗު ދެން ކުޅޭނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން 17:00 ގައެވެ.
ކުރިން ހުކުރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ލަލީގާ ސްމާޓްބޭންކް (2 ވަނަ ޑިވިޝަން) ވެސް ފަށާނީ ހޮނިހިރު ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް