ބާސެލޯނާއިން އަހަރެން ނަށް ޝައުގުވެރިވޭ: ޑިޕާއީ

ސްޕެއިންގެ ބާސެލޯނާއިން މެމްފިސް ޑިޕާއީ އަށް ޝައުގުވެރިވާ ކަމަށް އޭނާ ބުނެފިއެވެ. ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓު...

10 Sep 2020 | 02:40

ސްޕެއިންގެ ބާސެލޯނާއިން މެމްފިސް ޑިޕާއީ އަށް ޝައުގުވެރިވާ ކަމަށް އޭނާ ބުނެފިއެވެ.

ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާ މި ދަނޑިވަޅުގައި ޑިޕާއީ ބުނީ އޭނާ ގެން ދިއުމަށް ބާސާއިން ޝައުގުވެރިވާ ކަމަށާއި އެގޮތުން ބާސާއިން ފުރުސަތު ލިބިއްޖެ ނަމަ އެ ކުލަބަށް ބަދަލުވުމަށް އޭނާ ވެސް ތައްޔާރަށް ހުރި ކަމަށެވެ.

ޑިޕާއީ އިތުރަށް ބުނެފައިވަނީ ބާސާއިން އޭނާއަށް ޝައުގުވެރި ވީނަމަވެސް މި ޓްރާންސްފާ މާކެޓްގައި އެހެން ކުލަބަކަށް ބަދަލުވެވިދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމުގައެވެ. ސަބަބެއް ކަމަށް ޑިޕާއީ ބުނެފައިވަނީ އޭނާ މިހާރު ލިޔޯންއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ ކުރިޔައް އޮތް ސީޒަނުގެ ނިޔަލަށް ކަމުގައި ވުމެވެ.

އުމުރުން 26 އަހަރުގެ ޑީޕާއީ އަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. ކޫމަންގެ އެދުމުގެ މަތިން ބާސާއިން ޑިޕާއީ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ޑިޕާއި މިހާރު ވަނީ އަމިއްލަ ގޮތުން ބާސާއަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ލިޔޯނުން ޑިޕާއި ވިއްކާނެ އަގެއް ކަނޑައެޅުމާ ގުޅޭ މަޝްވަރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ ކޯޗުގެ މަގާމާ ކޫމަން ހަވާލުވުމަށްފަހު ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކުޅުންތެރިން ބާސާއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ހޯދުމަށްވެސް ކޫމަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ބާސާއިން މި ޓްރާންސްފާ ބާޒާރުގައި އެޓީމަށް ގެނައި ހަމައެކަނި ކުޅުންތެރިޔަކީ ޔުވެންޓަސްއަށް ކުޅުނު ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗެވެ.

2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ލިޔޯން އާއި ގުޅުނު ޑިޕާއީ އޭނާ މިހާރުގެ ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. ލިޔޯންގައި ޑިޕާއީ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ލިޔޯނަށް ކުޅެދިން 139 މެޗުގައި 57 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް