މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުގައި ގަތުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ.
މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަޝްރޫގެ ދަށުން އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ވަނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ފަށާފައެވެ.
މި 4 ރަށުގެ 19 ގޭބީސީއަކަށް މަޝްރޫޢުގެ ޚަރަދުގައި ކުދި ފާނައާއި، ކޮށްޓާއި، މަސްކާނާ ދަނީ ހަވާލުކުރަމުންނެވެ. މިހާތަނަށް ފާނަ ދޫކޮށްފައި ވަނީ މަހިބަދޫއާއި އޮމަދޫން ހޮވާލެވުނު ޖުމްލަ 11 ފަރާތަކަށެވެ.
އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު 7 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީއަކަށް 1000 ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު އެ މިނިސްޓްރީން ވަނީ ދީފައެވެ. މިހާތަނަށް ބަހިބަދޫން 3353 ފާނަ މާކެޓް ސައިޒަށް ބޮޑުކުރެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑެވެ.
ނީލަމުގައި ވިއްކާލަން ފިޝަރީޒް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ އދ. މަހިބަދޫގެ 7 ފަރާތަކުން ބޮޑުކޮށްފައިވާ ފާނަތައްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަޝްރޫޢަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހިންގި ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް