ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިންނާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް 30 ޕްރައިވެޓް ޖެޓު އަދި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 9 ޖެޓު ޖައްސައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، މި އަދަދަކީ އެހެން އަހަރުތަކުގެ މި މުއްދަތާއި އަޅާ ބަލާއިރު މަދު އަދަދެއް ކަމަށެވެ.
ނަމަވެސް އަހަރުގެ ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން އަށްވުމުން ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓުތައް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެވެސް އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެގެންދެއެވެ.
ވީއައިއޭގެ އިތުރުން މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.
މާފަރު އާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 2200 މީޓަރެވެ. ވިލާގުރޫޕުން ހަދާފައިވާ މާމިގިލީ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1800 މީޓަރެވެ. ރާއްޖޭގައި އެންމެ ދިގުރަންވޭ އެއް އޮންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް