އިންކަމް ސަޕޯޓު އެލަވަންސް ދެވޭ އުސޫލަށް ބަދަލެއް ގެނެސްފި

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ބަދަލެއް ގެނެސްފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުނަށް ދޭން ގެޒެޓުކޮ...

10 Aug 2020 | 11:48

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ބަދަލެއް ގެނެސްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުނަށް ދޭން ގެޒެޓުކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ގުޅޭ އުސޫލުގައިވާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށަހެޅޭގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

ނަމަވެސް މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ކޯވިޑް-19 އާ ގުޅިގެން މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ ގޮތުން ޢާންމުކޮށްފައިވާ އުސޫލުގެ މަޤްޞަދަކީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގެ ދަށުން މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން އާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، ފަސްހާސް ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް