އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ހަތަރު ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ކައުންސިލް އިންތިހާބު އަންނަ އަހަރަށް ވަނީ ފަސްކޮށްފައި އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ފަސް ކުރަން ޖެހުމުން އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައި އެވެ.
އީސީން މިއަދު ބުނީ ނަން އަނބުރާ ގެންދަން ހުޅުވާލާފައިވާ ފުރުސަތުގައި އިތުރު ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެ ހަތަރު ކެންޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރާ މީހުންނެވެ.
އޭގެ ތެރެއިން ދެ ކެންޑިޑޭޓުންނަކީ ގއ. ގައްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީއަށް ވާދަ ކުރާ ދެ މީހުންނެވެ. ދެން ކެންޑިޑޭސީ ނަގާފައިވަނީ ށ. ކަނޑިތީމާއި ގއ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަކުރާ ދެ ކެންޑިޑޭޓުންނެވެ.
މީގެ ކުރިން އަށް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނީ އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކާއި އަމިއްލަ ހަތަރު ކެންޑިޑޭޓެކެވެ.
މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓަކު ވަނީ މަރުވެފައި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އަދިވެސް ކެންޑިޑޭޓުންނަށް އެބައޮތް ކަމަށެވެ. އިތުރަށް ބުނީ އެ ފުރުސަތު ބަންދު ކުރުމުގެ 10 ދުވަސް ކުރިން އާންމުކޮށް އިއުލާނު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް