ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އާއިޝަތު ސާމިޔާ އައްޔަން ކޮށްފި އެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި މިވަނީ ކުރިން ހެލްތް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ހަދީޖާ އަބްދުއް ސަމަދު އަބްދުުﷲ މަގާމުން ވަކި ކޮށްފައި ވަނިކޮށެވެ. ގަވައިދާ ގާނޫނާ ހިލާފަށް އަމަލުތަކެއް ކޮށް، ތަހުގީގު ހިންގުމާ ގުޅޭ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެ ހަދީޖާ މަގާމުން ވަކި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
އަލަށް އައްޔަން ކުރި ޕީއެސް މިހާތަނަށް ހުންނެވީ އެ މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި އެވެ.
ސިއްހީ ދާއިރާގައި 21 އަހަރު މަސައްކަތްކުރައްވާފައިވާ ސާމިޔާ އެންމެ ފުރަތަމަ މިދާއިރާއަށް ވަދެވަޑައިގެންނެވީ 1998 ވަނަ އަހަރު އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަން އޮފިސަރެއްގެ މަގާމުންނެވެ. ސާމިޔާ ހެލްތު މިނިސްޓްރީއާ ގުޅިވަޑައިގަތީ 2017 ވަނަ އަހަރުއެވެ.
އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ހެލްތު އިންފޮމޭޝަން މެނޭޖްމަންޓުގެ ދާއިރާއިން ބެޗެލާސް ޑިގްރީ، އަދި ކެނެޑާގެ ޑެލްހުޒީ ޔުނިވާސިޓީން ސާމިޔާ ވަނީ ހެލްތު ސާވިސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ސާމިޔާއަކީ 2010 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލުގެ މެމްބަރެއްވެސް މެއެވެ. އަދި ސާމިޔާއަކީ ވިލާ ކޮލެޖުގައި ޕަބްލިކް ހެލްތު ދާއިރާއިން ހިންގާ މާސްޓާސް ޑިގްރީ ކޯހުގެ ލެކްޗަރަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް