ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 93 ޕަސެންޓު ދަށްވެއްޖެ އެވެ.
2017 ވަނަ އަހަރު އުފެއްދި އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތެއް ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖޫން މަހު ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން އުފެއްދި ސޮވެރިން ފަންޑަށް ޖަމާ ކޮށްފައިވަނީ 13 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ޖަމާކުރި އަދަދު އުޅެނީ 176 މިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ޖޫންގެ ނިޔަލަށް ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު އުޅެނީ 246 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ސޮވެރިން ފަންޑަށް ޖަމާކުރަން ބަޖެޓް ކޮށްފައި ވަނީ 756 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސޮވެރިން ޑިވްލޮޕްމަންޓް ފަންޑުގެ ބެލެންސުގައި 181 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް