ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީއަށް ވާހަކަ ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ބޮއްސުންލާފައިވާކަމަށް ބުނެ އެ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކުން ވަނީ އިޖްތިމާއީ ކޮމިޓީގައި ވާހަކަދައްކަވާފައި އެވެ. މިކަމަށް ރައްދުދީ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ.
މި ބަޔާނާއި ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ ހެލްތް މިނިސްޓްރީގެ ބަޔާނަކީ ގާނޫނީ ނިޒާމު ގަޑުބަޑު ކޮށްލަން ނެރުނު ބަޔާނެއް ކަމަށާއި އެފަދަ ބަޔާންތައް ނުނެރުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ބަޔާނުގައި ހުރި އިބާރާތްތަކުން މަޖިލީހުގެ ހިންގުމާއި ގުޅޭ ވާހަކަތަކެއް ހުރި ކަމަށެވެ.
ނަޝީދު އެ ބަޔާނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެފަދަ ބަޔާންތައް ނުނެރުމަށް އެދިވަޑައިގެންފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އަރިހުންނެވެ.
ނަޝީދު މިހެން ވިދާޅުވިޔަސް ހެލްތް މިނިސްޓްރީގެ ބަޔާނުގައި މަޖިލީހުގެ ހިންގުމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މަޖިލީހުގެ ކޮމިޓީގައި ތަޖުރިބާކާރުން ފާހަގަ ކުރެއްވި ކަންކަމާއި ގުޅޭގޮތުން މިހާރު އަމަލު ކުރެވެމުންދާ ގޮތް ބަޔާންކޮށްފައިވާއިރު އެ ހިޔާލުތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ސިއްހީ ދާއިރާގެ ފަސް ތަޖުރިބާކާރަކު އެ ދުވަހު ކޮމިޓީގައި ވިދާޅުވީ ސިއްހީ ހިދުމަތް ހޯދަން އައިޖީއެމްއެޗަށް ދެއްކުމުގައި ބޮޑެތި ދަތިތަކާއި އާންމުންނަށް ކުރިމަތިވާ ކަމަށެވެ. އާންމު ސިއްހަތުގެ ނިޒާމް ފެއިލްވެފައިވާކަން ފާހަގަކޮށް ބުނެފައިވަނީ މައިންނާއި އުފަންވާ ތުއްތުކުދިން މަރުވުމުގެ މައްސަލަތައް މިފަހަކަށް އިތުރުވެފައިވާ ކަމަށާއި ވެކްސިން ދިނުމުގައިވެސް މިހާރު އުނދަގޫތަކެއް އެބަ އުޅޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް