މާލޭގެ އިތުރުން އަތޮޅު ތެރޭގެ 13 ރަށަކާއި އަށް ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް ވެފައިވާ މީހުން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އަތޮޅު ތެރެއިން ޕޮސިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އިއްޔެ ތިން މީހަކު އަތޮޅު ތެރެއިން ޕޮސިޓިވްވި އިރު މިއަދުގެ މިހާތަނަށް މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ.
އެޗްޕީއޭއިން އާންުމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު ޕޮސިޓިވް މީހުން ތިބީ
ހއ އަތޮޅުން: ކެލާ، އިހަވަންދޫ އަދި ފިއްލަދޫ
ހދ. ނައިވާދޫ
ބ. އަތޮޅުން: ކަމަދޫ އަދި ކުޑަރިކިލު
ރ. އަތޮޅުން: އިނގުރައިދޫ އަދި ހުޅުދުއްފާރު
ޅ. ހިންނަވަރު
ކ. މާފުށި
ވ. ފުލިދޫ
ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ގައި އެވެ.
ރިސޯޓުތަކުގެ ތެރެއިން އަށް ރިސޯޓެއްގައި ހަ ޓޫރިސްޓުންނާއި ނުވަ މުވައްޒަފަކަށް ކޯވިޑަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ކޯވިޑަށް ފަހު ރިސޯޓުތަކުގެ އޮޕަރޭޝަން ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ ކޮންމެ ރިސޯޓެއްގައި ޕޮސިޓީވްވާ މީހުންނަށް ފަރުވާ ދޭނެ އައިސޮޅޭޝަން ފެސިލިޓީއެއް ހެދުމުންނެވެ.
އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ފެސިލިޓީއަކަށް ގެންގޮސްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. ކެލާއިން ޕޮސިޓިވްވި އެމީހާއަށް ފަރުވާ ދެމުންދަނީ ށ. ފުނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.
އެޗްޕީއޭއިން ބުނީ އަތޮޅު ތެރެއިން މިހާތަނަށް ފެނިފައިވާ ހުރިހާ ކޭސްތަކަކީ އެ ރަށްރަށަށް އަދި ރިސޯޓުތަކަށް މާލެއިން ނުވަތަ ރާއްޖެއިން ބޭރުން އައިސްފައިވާ ކޭސްތަކެއް ކަމަށާއި އެ ތަންތަނުގައި ބަލި ފެތުރެމުން ނުދާ ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި ޕޮސިޓިވް ވަމުންދާ ހުރިހާ އެންމެންނަކީ ހޯމް ކަރަންޓީންގައި ތިބި މީހުން ކަމަށެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭގޮތުގައި ހޯމް ކަރަންޓީނާއި ގުޅިގެން އެ އިދާރާއިން އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް އަމަލުކޮށްފައި ވާނަމަ 14 ދުވަސް ހަމަވުމުން ޓެސްޓު ކުރާއިރު ކަރަންޓީންގައި ހުންނަ މިހާ ޕޮސިޓިވް ވިޔަސް އެމީހާގެ ފަރާތުން ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
މިހާތަނަށް ރާއްޖެއިން 5،045 މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 19 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް