އާމިރް ހާންގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން ބޮލީވުޑް ފިލްމަކުން ފެންނަން މާ ގިނަ ދުވަސް ނުނަގާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޖުނައި ބޮލީވުޑަށް ތައާރަފު ކުރުމުގައި އިސްކޮށް އުޅެނީ ފިލްމީ އާއިލާތަކުގެ ޒުވާން ކުދިން އެ ދާއިރާއަށް ނެރުމުގައި އިސްކޮށް މަސައްކަތް ކުރާ ޔަޝްރާޖް ޕްރޮޑަކްޝަން އިންނެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ ގިނަ އާ ތަރިންތަކެއް ދާއިރާއަށް ތައާރަފްުކޮށްފައި އެވެ.
ޖުނައިދު ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ އެ ކުންފުންޏަށް 50 އަހަރު ފުރުމާއި ދިމާކޮށް މުޅިން އާ ތަރިން ހިމަނައިގެން ހަދާ ފިލްމުތަކުން ފިލްމެކެވެ. އޭގެ ތެރެއިން ފިލްމަކުން ޖުނައިދަށް ފުރުސަތު ލިބުނީ ގިނަ އޮޑިޝަންތަކެއް ހަދައި އެ އޮޑިޝަންތަކުން ފާސްވެގެންނެވެ.
އޭނާ ވަނީ އެމެރިކަން އެކަޑަމީ އޮފް ޑްރެމެޓިކް އާޓްސްއިން ތައުލީމު ހާސިލްކޮށްފައި އެވެ. އާމިރު ހާން މީގެ ކުރިން ޖުނައިދާއި ގުޅޭގޮތުން ބުނެފައިވަނީ އޭނާ އަކީ އެކްޓު ކުރަން ދަންނަ މީހެއް ކަމަށެވެ.
ޖުނައިދު ވަނީ މީގެ ކުރިން ތިއޭޓާ އެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އަދި އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ވެސް ކޮށްފަ އެވެ.
ޖުނައިދު ބޮލީވުޑަށް ތައާރަފުވާ ފިލްމާއި ގުޅޭ މާގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް