ސައޫދީ އަރަބިއްޔާގައި، ފިރިމީހާގެ ވަޓްސްއެޕް އެކައުންޓް ވަގަށް މޮނީޓަރ ކުރި އަންހެނެއްގެ ވާހަކަ އެ ގައުމުގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރައިފިއެވެ.
އެ އަންހެންމީހާގެ ވާހަކަ ފަލަ ސުރުހީއަށް އަރާފައިވަނީ ނުވަ މަސް ވަންދެން ފިރިމީހާގެ ވަޓްސްއެޕް އެކައުންޓް ވަގަށް މޮނީޓަރ ކުރަމުންދިޔަކަން ފިރިމީހާއަށް ފަޅާއަރައި، ދެމަފިރިން ވަރިފަށަށް އަރައި، އެ އަންހެންމީހާއާއިދެކޮޅަށް ކުރެވޭނެ ދައުވާއެއް އޮތްތޯ ބެލުމުގެ މަސައްކަތް ފިރިމީހާ ފެށި ހިސާބުންނެވެ.
އެގޮތުން ސައޫދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސްކޫލު ޓީޗަރަކަށް އުޅޭ އެ އަންހެންމީހާ ވަނީ ނުވަ މަސް ވަންދެން، ފިރިމީހާގެ ވަޓްސްއެޕް އެކައުންޓަށް ލިބެމުންދިޔަ ހުރިހާ މެސެޖަކާއި، ފޮޓޯ، އަދި ވީޑިއޯތައް ބަލާފައެވެ. މިކަން އެނގުނު ހިސާބުން އެ ފިރިހެންމީހާ އަންނަނީ އަނބިމީހާއާއި ދެކޮޅަށް ކުރެވޭނެ ދައުވާއެއް ހޯދަމުންނެވެ. އެ ފިރިހެންމީހާ ދެކޭގޮތުގައި އަނބިމީހާ ކޮށްފައިވަނީ "ސައިބަރ ކްރައިމް"ގެ ބޮޑު ކުށެކެވެ.
މައްސަލަ ހޫނުވެ، ފިރިހެން މީހާ ކުރެން ވަރިވާން އަނބިމީހާ ކޯޓަށް މައްސަލަވެސް ހުށަހަޅާފައިވާއިރު، މީޑިއާއިން އެކަމާ އަނބިމީހާކުރެން ސުވާލުކުރުމުން އެ އަންހެންމީހާ ބުނެފައިވަނީ ޒާތީ ކަންކަން މުޖްތަމައުގެ ސަމާލުކަމަށް ގެންނަން ބޭނުން ނުވާކަމަށެވެ. ނަމަވެސް ވަރިވާން ކޯޓަށް ގޮސްފައިވާކަން އެ އަންހެންމީހާ ކަށަވަރުކޮށްދީފައިވެއެވެ.
މައްސަލަ މިހާ ހޫނުވި ނަމަވެސް ފިރިމީހާގެ ވަޓްސްއެޕަށް އަންނަމުންދިޔައީ ކޮންކަހަލަ މެސެޖުތަކެއްކަން، އަދި ކޮންކަހަލަ ފޮޓޯ، ވީޑިއޯތަކެއްކަން ހާމަވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް