ފުލުހުންގެ ހުއްދައާއި އެކު މިއަދު ޖިންސީ ގޯނާއާ ދެކޮޅަށް މުޒާހަރާ ކުރަނީ

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް މިއަދުވެސް މުޒާހަރާ ކުރަން ނިންމައިފި އެވެ. ވޮއިސް އޮފް ޗިލްޑްރަންސްއިން އިސްނަގައިން ކުރިޔަށް ގެންދާ މި މުޒާހަރާ ކުރާ މިއީ ދެވަނަ ދުވަހެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުވ...

10 Jul 2020 | 09:48

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް މިއަދުވެސް މުޒާހަރާ ކުރަން ނިންމައިފި އެވެ.

ވޮއިސް އޮފް ޗިލްޑްރަންސްއިން އިސްނަގައިން ކުރިޔަށް ގެންދާ މި މުޒާހަރާ ކުރާ މިއީ ދެވަނަ ދުވަހެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް ވަނީ މި ޖަމިއްޔާއިން ޖިންސީ އަނިޔާއާއި ދެކޮޅަށް މާލޭގައި މުޒާހަރާކޮށްފައި އެވެ.

އެ ޖަމިއްޔާއިން ބުނީ މިއަދު މުޒާހަރާ ކުރަން ނިންމާފައިވަނީ ފުލުހުންގެ ހުއްދަ އާއި އެކުކަމަށެވެ.

މުޒާހަރާގެ މަގުސަދަކީ ޖިންސީ އަނިޔާ ކުރުން ހުއްޓާލުމަށް ގޮވާލުން ކަމަށް އެ ހަރަކާތުން ބުނެ އެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށާއި އަނިޔާ ލިބޭ ފަރާތްތަކުން ހަނު ނުހުރުމަށް ހިތްވަރު ދިނުމަށެވެ.

ފުލުހުން ބުނީ މިއަދު ބާއްވަން ހަމަޖެހިފައިވާ ހަރަކާތާއި ބެހޭގޮތުން ވީއޯސީން ފުލުހުންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ފުލުހުން ވަނީ ސުލްހަވެރިކަމާއި އެކު އެއްވުން ކުރިޔަށް ގެންދިއުމަށާއި މަގުމަތި ބޭނުން ކުރާ މީހުންގެ ހައްގުތަކަށް ރައްކާތެރިވުމަށް އެދިފައިކަމަށް ފުލުހުން ބުނެ އެވެ.

މަޝްވަރާ ކުރެވުނު ހުރިހާ ކަމަށް ދެ ފަރާތުން އެއް ބަސްވެފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އެހެންވެ އެ ހަރަކާތް ފުލުހުން ބަލަހައްޓައިދޭނެ ކަމަށް ބުނެ އެވެ.

ޖިންސީ ގޯނާއި ދެކޮޅަށް މިދިޔަ ހަފްތާގައި އެ ޖަމިއްޔާއިން މުޒާހަރާ ކުރީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައިގަ ހިމެނޭ މީހުން ހައްޔަރު ކުރުމަށް ގޮވާލައި އެވެ. މިއަދު އަނެއްކާވެސް މުޒާހަރާ ކުރަން ހަމަޖެހިފައިވާއިރު މިހާރު އެންމެ އަޑުގަދައީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ އެވެ.

މި މައްސަލައިގަ އޭނާ މިނިސްޓަރު ކަމުން ވަނީ އިއްޔެ ވަކިކޮށްފައި އެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރު މުޒާހަރާ ކޮށް ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ މަނާކަމެކެވެ. އެއީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އެވެ.

އެކަމަކު ބަލި ކޮންޓްރޯލްކޮށް ދީފައިވާ ލުއިތަކުގައި މަގުމަތީގައި އެއްތަނެއްގައި ގިނަވެގެން 30 މީހުން އެއްވުމުގެ ހުއްދަ މިހާރު އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް