ކޮވިޑް-19 ގެ ސަބަބުން ގައުމު އޮތް ހާލަތުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ އިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު ދަންނަވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުމާއި ޖަމާއަތުގައި ނަމާދު ކުރުން ފަދަ އުނދަގޫ ކަންކަން ނިންމަން ޖެހުނު ކަމަށެވެ.
އަދި، އެ ދަތި ދަނޑިވަޅުގައި، ގައުމުގެ ދީނީ އެއްބައިވަންތަކަށް ދަމަހައްޓައި، އާލާ ކުރުމަށް ދީނީ އިލްމުވެރިން ބުރަ، އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.
ނައިބު ރައީސް ވިދާޅުވީ، ގައުމުގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ގައުމު ބިނާކޮށް ތަރައްގީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދީނީ އިލްމުވެރިންނަށް ވަރަށް އިސް ދައުރެއް އަދާ ކުރެއްވޭނެ ކަމަށެވެ. އަދި ކޮވިޑް-19ގެ ރާޅަށްފަހު ގައުމު މިހާރު މިއޮތް ހާލަތަށް ރުޖޫއަވެވުނީ ހުރިހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއިން ކަންވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް ވިދާޅުވި، ފުރަބަންދުގެ ހާލަތަށް ލުއިތަކެއްދީ މިސްކިތްތައް އަލުން ހުޅުވާލައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމުގެ ތައުފީގް މާތް ﷲ މިންވަރު ކުރެއްވުމަކީ އެމަނިކުފާނު އުފާ ކުރައްވާ ކަމެއް ކަމަށެވެ.
މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑ. އަހުމަދު ޒާހިރާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް ވަނީ ދީނީ އިލްމުވެރިން ކުރެއްވި އަގުހުރި މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް