ކ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް މިއަދު އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށްބުނެ މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 2:30 އާއި މިރޭ 08:30 އާއި ދެމެދުގެ ވަގުތަށެވެ.
މި ސަމާލު ނެރެފައިވާއިރު މިއަދު ހެނދުނު މެޓް އޮފީހުން ހާމަކުރި މޫސުމާއިބެހޭ ހަބަރުގައި ބުނެފައިވަނީ ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ނިމުތު ކުރެވޭތީވެ، ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
"ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ބެލެވޭ" މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، އެހެންކަމުން އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ދަންނަވާކަމަށާއި ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި މދަށް އެރި އުޅުއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިލައްވާ ކަމަށެވެ. އަދި ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ވިސްނުމަށްވެސް މެޓް އޮފީހުން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް