ޖަވާބުދާރީ ވުމަށް ޒީނާއަށް ފަސް ދުވަސް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކޭބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީއަށް ޖަވާބުދާރީ ވުމަށް އެ ކޮމިޝަނުގެ...

10 Jun 2020 | 12:30

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކޭބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީއަށް ޖަވާބުދާރީ ވުމަށް އެ ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރަށް ފަސް ދުވަހުގެ މުއްދަތެއް ކޮމިޓީން ދީފިއެވެ.

މި މުއްދަތު ޒީނާއަށް ދީފައިވަނީ އެ ކޮމިޓީން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައެވެ.

މި މައްސަލައަކީ އެ ކޮމިޓީން ކުރިންވެސް ބަލަމުންދިޔަ މައްސަލައެކެވެ. ނަމަވެސް ޒީނާ ބަލިވެ އިނުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދެއްވުމަށް އުޒުރުވެރިވާތީ މައްސަލަ އޮތީ މަޑުޖެހިފައެވެ. މެމްބަރު ޒީނާ ފިޔަވާ އެހެން މެމްބަރުންގެ މައްސަލަތައް އެ ކޮމިޓީން ބަލައި، އެ މައްސަލަތަކުގައި އެ މެމްބަރުން ވަނީ ޖަވާބުދާރި ކުރުވާފައެވެ.

މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތު ޒީނާއަށް ދީފައިވަނީ ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ލިޔުމަކުން ޖަވާބުދާރީވާގޮތަށެވެ. މި މައްސަލައިގާ ޒީނާ ޖަވާބުދާރީވުމުން، ސަބް ކޮމިޓީން މައްސަލަ ބަލައި މައި ކޮމިޓީއަށް ފޮނުވާނެއެވެ. އެއަށްފަހު މައި ކޮމިޓީއިން ގޮތްތަކެއް ނިންމައި ތަޅުމަށް ފޮނުވާނެއެވެ.

ބްރޯޑްކޮމްގެ މެމްބަރުންނާއި ގުޅޭގޮތުން ކުޑަ ކޮމިޓީން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުގެ މެމްބަރު އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި، ސިޔާސީ ވަކި ނުފޫސުތަކަކަށް މައްސަލަތައް ނިންމި ކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބަލަމުން ދަނިކޮށް އެ ކޮމިޝަނުގެ ރައީސްކަން ކުރެއްވި މުހައްމަދު ޝަހީބާއި، ކޮމިޝަނުގެ މެމްބަރު އިސްމާއީލް ޞަފްވާނާއި، ހަސަން ނަބާހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ކޮމިޝަނުގެ އޭރުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރު ފާތިމަތު ޒައިނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ޒައިނާ މަގާމުން ވަކި ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް