ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އިދިކޮޅު މެންބަރުން ވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ނަޝީދު އެހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި މައްސަލައިގަ އިއްޔެ ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތައް މަޖިލީހުގައި ނެތަސް އެކަން އިހުސާސް ނުވާ ކަމަށެވެ.
އެ ވާހަކަތައް ބަދަލު ކުރައްވާ މިއަދު ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ހިންގަން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ކުދި ޕާޓީތަކާވެސް އެކުގައި ކަމަށެވެ. އަދި އެ ޕާޓީތަކަށް މަޖިލީހުގެ ތެރެއިން ހުރިހާ ހައްގުތަކަކާއި އިހުތިޔާރުތަކަކާއި ބާރުތަކެއްވެސް ލިބިދޭ ނިޒާމެއްގައި ހިންގަން ބޭނުންވާ ކަމަށެވެ.
މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް ކުރާން ޖެހޭ ކަންކަން ބައެއް ފަހަރު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ތާއަބަދުގެ މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ހަމައިގެ ގޮތުގައި މެމްބަރުން ދެކެވަޑައި ނުގަތުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
ބެލެވޭ ގޮތުގައި ނަޝީދު އެ އިޝާރާތް ކުރެއްވީ ގާނޫނު އަސާސީ އިސްލާހު ކުރި ރޭ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގަދަކަމުން މަޖިލީހުގެ ތެރެއިން ނެރުމަށް އެމްޑީޕީގެ މެންބަރުންނަށް ނަޝީދު އެންގެވި ވާހަކަ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ އަކާއި އެކު މަޖިލީސް ހިންގާއިރު ޕީޕީއެމް ޕީއެންސީ މަޖިލީހުގައި ނެތްކަން ނުފެންނަ ކަމުގައި ވިޔަސް މުޅި ސިޔާސީ ނިޒާމު ހިންގޭނީ ވާދަވެރިންނާއި އެކީގައި ކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބަލައިގެންފައި އޮތީ މަލްޓި ޕާޓީ ޑިމޮކްރެސީއެއް ކަމަށާއި މިއީ އެއް ޕާޓީއެއްގެ ގައުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް