ކޯވިޑް-19 ފެތުރި އެންމެ ގިނަ މީހުންނަށް ބަލި ޖެހި މަރުވެފައިވާ ސަރަހައްދުގެ ގޮތުގައި ފާހަގަ ކުރެވުނު ޔޫރަޕްގެ ގައުމުތަކުން ބަލި ކޮންޓްރޯލްކޮށް ގައުމުތައް ހުޅުވުމުގެ އެކި މަރުހަލާތައް ދަނީ ކުރިޔަށް ގެންދަމުންނެވެ.
ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ ގައުމުތައް ހުޅުވާލަން ފެށުމުން އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖު ލަންޑަނުން ވަނީ ލޮކްޑައުންގެ ސަބަބުން ހާސިލްވި ކަންކަމާއި ބެހޭގޮތުން ދިރާސާއެއް ހަދާފައި އެވެ. އެ ދިރާސާގައި އޮސްޓްރިއާ، ބެލްޖިއަމް، ޑެންމާކް، ފްރާންސް، ޖަރުމަނު، އިޓަލީ، ނޯވޭ، ސްޕެއިން، ސްވިޑެން، ސުވިޒަލޭންޑް އަދި އިނގިރޭސިވިލާތުގެ މައުލޫމާތުތައް ހިމަނާފައިވެ އެވެ.
މި ދިރާސާގައި ބަލާފައިވަނީ މިދިޔަ މަސް ފެށުމާއި ހަމައަށް ބަލި ޖެހުނު މީހުންގެ މައުލޫމާތަށެވެ. އެހާތަނަށް އައި އިރު އެ ގައުމުތަކުން ބަލީގައި، 130،000 މީހުން ވަނީ މަރުވެފައި އެވެ.
އިމްޕީރިއަލް ކޮލެޖުން ހެދި ދިރާސާގެ ނަތީޖާގައި ބުނެފައިވަނީ ބަލި ފެތުރިގެން ދިޔަ ހަލުވިމިނާއި އެކު ޔޫރަޕްގެ ގައުމުތަކުން ލޮކްޑައުނަކަށް ދިއުން އިތުރަށް ލަސް ކުރި ނަމަ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް 3.2 މިލިއަން މީހުން މަރުވީހެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 470،000 މީހުންނާއި ފްރާންސުގެ 690،000 މީހުންނާއި އިޓަލީގެ 630،000 މީހުން މަރުވީސް ކަމަށް ލަފާ ކުރާ ކަަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ދިރާސާގައި ވަނީ ޔޫރަޕްގެ އާބާދީގެ ބޮޑު ބަޔަކަށް އަދި ބަލި ޖެހިފައި ނުވުމުން ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމުން އަނެއްކާވެސް ބަލި ފެތުރުމުގެ ނުރައްކާ އޮތްކަން ފާހަގަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް