ރާއްޖެއިން ފަރުވާ ދެވެން ނެތް މީހުން އިތުރުވަނީ، ދެވޭނެ ގޮތެއް އަދިހަމަ ނުޖެހޭ!

ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތިގެން އަވަށްޓެރި ގައުމުތަކަށް ސިއްހާ ފަރުވާ ގެންދަން ޖެހޭ މީހުންނަށް އެ އިންތިޒާމު އަދިވެސް ހަމަ ނުޖެހޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއ...

10 Jun 2020 | 02:54

ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތިގެން އަވަށްޓެރި ގައުމުތަކަށް ސިއްހާ ފަރުވާ ގެންދަން ޖެހޭ މީހުންނަށް އެ އިންތިޒާމު އަދިވެސް ހަމަ ނުޖެހޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މިދިޔަ ހަފްތާގައި އާސަންދަ ކުންފުނިން ބުނެފައިވަނ ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތް 33 މީހަކު އެބަތިބި ކަމަށެވެ. އެމީހުންނަކީ ސީރިއަސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮންމެހެން ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދަން ޖެހޭ މީހުން ފުރުވާލެވޭތޯ ވަރަށް ބޮޑަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުން ފޮނުވުމަށް މަސައްކަތް ކުރަނީ އިންޑިއާއަށް ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެކަމަކު އެ މަޝްވަރާތަކަށް އެއްވެސް އަލިމަގެއް އަދި ނުފެންނަ ކަމަށެވެ. އަދި މިހާރު ރާއްޖެއިން ބޭރަށް ކޮންމެހެން ފޮނުވަން ޖެހޭ މީހުންގެ ގޮތުގައި އާސަންދައިން 37 މީހަކު ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަނީ ރާއްޖެއިން ކުރެވެން ނެތް އޮޕަރޭޝަންތަކާއި ރޭޑިއޭޝަން ފަދަ ފަރުވާ ދޭންޖެހޭ މީހުންނެވެ. ފޮނުވުމަށް މަސައްކަް ކުރާ ގިނަ މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

އާސަންދައިން ބުުނީ އެމީހުންނަކީ މީގެ ކުރިންވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައި ތިބި މީހުން ކަމަށެވެ. މި މީހުންގެ އިތުރުންވެސް ރާއްޖެއިން ބޭރަށް ފޮނުވައިގެން އާސަންދައިގެ ދަށުން ފަރުވާ ދެމުންދިޔަ އެތައް ބަޔަކު އަލުން ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވިފައި އެބަތިބި ކަމަށެވެ.

ގައުމުތަކުގެ ވައިގެ ބޯޑަރުތައް ބަންދު ކުރަން ފެށުމުން ބޭސްފަރުވާއަށް ދިގު މުއްދަތަކަށް ރާއްޖެއިން ބޭރަށް އާސަންދައިގެ ދަށުން ގޮސް ތިބި އެތައް ބަޔަކު އަންނަން ބޭނުން ވެގެން ސަރުކާރުގައި އެދުނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ގެނެސްފައިވާއިރު އޭރުވެސް އެޗްޕީއޭއިން ދިޔައީ ފަރުވާއަށް އެނބުރި ދާން ޖެހޭ މީހުން ރާއްޖެ ނައުމަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް