އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ދެނީ

ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި580 ޓަނުގެ ކާބޯތަކެތި އިންޑިއާއިން ދޭން ނިންމައިފި އެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މި އެހީއަކީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުއިތ...

10 May 2020 | 17:30

ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި580 ޓަނުގެ ކާބޯތަކެތި އިންޑިއާއިން ދޭން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މި އެހީއަކީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުއިތަކެއް ހޯދައި ދިނުމަށް ދޭ އެހީއެއް ކަމަށެވެ. މި އެހީ އާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވަނީ މިދިޔަ މަހުގެ20 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ކުރެއްވި މަޝްވަރާތަކުގައި އެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު "އައިއެންއެސް ކޭސަރީ" ގައި އެ ޝިޕްމަންޓްތައް ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ12 ވަނަ ދުވަހު އެވެ. މި އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިންގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާ އިން ފޯރުކޮށްދޭ އެހީ އެކެވެ.

މި އެހީގެ ދަށުން ރާއްޖެއަށް ދޭން ނިންމާފައިވަނީ 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ގޮދަންފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު އަދި 26 ޓަނުގެ ފިޔާގެ އިތުރުން 14 ޓަނުގެ އަލުވި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ކާބޯތަކެތީގެ މި އެހީ އަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ބަރަކާތްތެރި ރޯދަ މަހުގައި ދެވޭ، ދެ ގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ވާ ގާތް ގުޅުމުގެ އިތުރު ހެއްކެކެވެ

އިންޑިއާ އިން ވަނީ ކޯވިޑް-19 އައި ގުޅިގެން އެކި ގޮތްގޮތުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކޯވިޑް-19 އަށް ތައްޔާރު ވުމަށް ސިއްހީ މާހިރުންގެ ޓީމަކާއި ބޭހުގެ ޝިޕްމެންޓްތަށް ފޮނުވުމާއި ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެނެސްދިނުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް