މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނާނެ ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ދިވެހިން ގެންނަނީ 16 ސިޓީއަކުންނެވެ. އެ ސިޓީ ތަކަކީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީއެވެ.
މޯލްޑިވިއަންގެ އެއަރބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ރޫޓުގައި ކަމަށާއި މި ފްލައިޓް ހުޅުލެއަށް ޖައްސާނީ މެންދުރުފަހު 2:00 ގައި ކަމަށާއި ޑޭޝް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ޓްރިވެންޑްރަމް – މާލެ ރޫޓްގައި. މި ފްލައިޓް ހުޅުލެއަށް ޖައްސާނީ މެންދުރު ފަހު 1:10 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި ފްލައިޓުން ދަތުރުކުރާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުންނެވެ.
މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އުސޫލެއްގެ ގޮތުން މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފްލައިޓްތައް ބޭއްވުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް