ޕޮސިޓިވްވާ ކުޑަކުދިންނަށް އަތޮޅު ތެރޭގައި އައިވީ ގުޅޭކަށް ނެތް: ޑރ. ފައިސަލް

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ ކުޑަކުދިންނަށް އައިވީ ގުޅޭނެ ގޮތެއް އަތޮޅު ތެރޭގައި ހަމަޖެހިފައި ނެތް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ. ޓުވިޓާގައި ...

10 May 2020 | 09:09

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ ކުޑަކުދިންނަށް އައިވީ ގުޅޭނެ ގޮތެއް އަތޮޅު ތެރޭގައި ހަމަޖެހިފައި ނެތް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޓުވިޓާގައި ސިއްހީ ގިނަ މައްސަލަތަކާއި ގުޅޭގޮތުން ފާޅުގައި ވާހަކަދައްކަވާ ޑރ. ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކުދިންނަށް އެކަށީގެންވާ ފަރުވާ އަތޮޅުތަކުގައި ދެވޭނެ އިންތިޒާމެއް މިވަގުތާ ހަމައަށް ހަމަޖެހިފައި ނުވާކަމީ ކަންބޮޑުވެވަޑައިގެންނަވާ ކަމެއް ކަމަށެވެ. އަދި އައިވީ ފެންކޮޅެއް ދެވޭނެ ގޮތެއް މާލެ ނޫން އެހެން ސަރަހައްދެއްގައި ހަމަޖެހުން މުހިއްމު ކަމަށް ވިދާޅުވެފައިވެ އެވެ.

ނެޝަނަލް އެމަޖެންސީ ސެންޓަރުން ނިންމާފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުން ބައްޔަށް ޕޮސިޓިވްވާ މީހުން އެ ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށެވެ. އެގޮތުން އުތުރުގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހއ. ދޮނަކުޅި ރިސޯޓު ހަމަޖައްސާފައިވާއިރު، އައްޑޫ ސިޓީ ހެރެތެރެ ރިސޯޓު ވަނީ ދެކުނުގެ ކަރަންޓީން ފެސިލިޓީއަކަށް ހަމަޖައްސާފަ އެވެ.

https://twitter.com/Faisalnaifaru/status/1259161897712132096

މީގެ ތެރެއިން ދޮނަކުޅި ރިސޯޓުގައި ނަރުދޫއިން ޕޮސިޓިވްވި10 މީހަކާއި މިލަންދޫއިން ޕޮސިޓިވްވި މީހާއަށް ދަނީ ފަރުވާދެމުންނެވެ. އެންއީއޯސީން ބުނީ އެ ފެސިލިޓީތަކުގައި ފަރުވާ ދިނުމަށް ތިބޭނީ އެ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުން ހާއްސަކުރެވިފައިވާ ނަރުހުންނާއި ޑޮކްޓަރުން ކަމަށެވެ.

ފައިސަލް ވިދާޅުވެފައިވަނީ އެފަދަ ފެސިލިޓީތަކުގައި އައިވީ ގުޅުންފަދަ ކަންކަމަކީ އަތޮޅު ތެރޭގައި ކޯވިޑް ބަލި މީހުން ބައިތިއްބަންޏާ ކުޑަމިނުން ހުންނަން ޖެހޭނެ ވަރެއް ކަމަށެވެ. މި ފެސިލިޓީތަކުގެ އިތުރުން އައިސީޔޫ އައި އައިސޮލޭޝަން ފެސިލިޓީތަކާއި އެކު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެސިލިޓީތައް ދަނީ ހަދަމުންނެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މިހާތަނަށް މި ބަލި ޖެހުނު ބައެއް ކުދިންގެ އަލާމާތްތައް ފެންނަނީ ޓެސްޓް ކުރި ފަހުންނެވެ. އަދި 30 ޕަސެންޓް ކުދިންގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެކުދިންގެ ގައިން ފެންނަ އަލާމާތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހުމާއި ރޯގާ އަދި ހަމައެކަނި ރޯގާގެ އަލާމާތްތަކެވެ.

ރާއްޖޭގައި ކުޑަކުދިންނަށް މި ބަލި ޖެހެމުންދާއިރު އެންމެ ހަގު ކުއްޖެއްގެ ގޮތުގައި ޕޮސިޓިވްވެފައިވަނީ އުމުރުން ހަތް މަހުގެ ފިރިހެން ކުއްޖެ ކެވެ. ކޯވިޑަށް ފަރުވާ ދިނުމުގައި12 އަހަރުން މަތީގެ ކުދިންނަށް ދެނީ ބޮޑެތި މީހުންނަށް ދޭ ބޭހެވެ.

މި ބަލި ޖެހުނު ކުދިންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ އެންމެ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް