އަހަރެން އެނބުރި އަންނާނަން.. - ހަވަނަ ބައި

ކުރީގެ ޢަދަދާއިގުޅޭ... ފޯނު އަނެއްކާވެސް ރިންގ ވާން ފެށިއެވެ. ލަޙްފާން ކައިރިން ސަލާމަތް ވެގެން އަހަރެން ފޯނާއި ހަމައަށް ނުދެވެނީސް އަނެއްކާވެސް ފޯނު ކެނޑިއްޖެއެވެ. ގުޅަނީ ޒައިދާން ކަން އަހަރެންނަށް އ...

10 May 2020 | 00:17

ކުރީގެ ޢަދަދާއިގުޅޭ...

ފޯނު އަނެއްކާވެސް ރިންގ ވާން ފެށިއެވެ. ލަޙްފާން ކައިރިން ސަލާމަތް ވެގެން އަހަރެން ފޯނާއި ހަމައަށް ނުދެވެނީސް އަނެއްކާވެސް ފޯނު ކެނޑިއްޖެއެވެ. ގުޅަނީ ޒައިދާން ކަން އަހަރެންނަށް އެނގެއެވެ. އިންތިހާއަށް ލަޙްފާންދެކެ ރުޅިއައިސް އަނެއްފަހަރު އަހަރެން ލަޙްފާން ކޮށްޕާލާފައި ކޮޓަރިން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ލަޙްފާން އަހަރެންނަށް ވުރެ ބާރުގަދަކަމުން އަހަރެންނަށް ލަޙްފާންގެ އަތުތެރެއިން ސަލާމަތް ވާކަށް ފަސޭހައެއް ނުވިއެވެ.

އަހަރެން އެނބުރި އަންނާނަން! ... (6 ވަނަ ބައި)

ލަޙްފާނު އަހަރެން ގައިގައި އޮޅުލައިގަނެގެން އުޅެނިކޮށް، ކުއްލިއަކަށް އަހަރެންނަށް ކޮޓަރި ދޮރުމަތިން މީހަކު ފެނުނުހެން ހީވިއެވެ. އިސާހިތަކު ލަޙްފާނުގެ 'ލަފު'ގައި ހިފާ ފާރަށް 'ގުޅައަކަށް' ޖެހިތަން އަހަރެންނަށް ފެނުނެވެ. އާނ އެކެވެ. އަހަރެން ފޯނު ނުނަގާ ލަސްވުމުން އަހަރެން ކޮބައިތޯ ބަލަން ޒައިދާން ގެއަށް ވަދެ، ކޮޓަރިއާއި ހަމައަށް އައީއެވެ.

"ކަލޭތީކާކު؟!..." ޒައިދާންގެ އަޑުގައިވަނީ އިންތިހާއަށް ރުޅިވެރިކަމެވެ.

"ކޭތީ..ވަކިކާކު؟!" ލަޙްފާނު އަނގަ ދަމަމުން ބުންޏެވެ.

"ކޮންކާކެކޭ ކިޔާކަށް!؟.." ކަލޭގެ އަތްފައި ބިނދޭނެ މިއަދު މަގޭ އަތުން!" މިހެން ބުނެފައި އަނެއްކާވެސް ޒައިދާން، ލަޙްފާނުގެ މޫނުމަތީ "ގުއްޓެއް" އަޅާ ފާރާއި ދިމާލަށް ކޮށްޕާލިއެވެ.

އަހަރެން އިންތިހާއަށް ބިރުގަތެވެ. ހަދާނެ ގޮތެއްވެސް ނުވިސްނުނެވެ. މުޅިމީހާ ތުރުތުރު އަޅާހެންވެސް ހީވިއެވެ. ޒައިދާން އެހާ ރުޅިއައިސްފައި ހުއްޓާ އަހަރެން އޭގެ ކުރިން ދުވަހަކުވެސް ނުދެކެމެވެ.

އަހަރެން ވަރަށް ހިތްވަރުކޮށްފައި ޒައިދާން އަތުގައި ހިފައި ކޮޓަރިން ނެރެވޭތޯ މަސައްކަތްކުރީމެވެ. ޒައިދާން އޭރުވެސް ލަޙްފާން ގައިގައި ތަޅަނީއެވެ. ލަޙްފާންވެސް ޖެހުނު ގޮތަކަށް ޒައިދާންގައިގައި ޖަހަން މަސައްކަތްކުރަމުންދަނީއެވެ. އެންމެ ފަހުން ލަޙްފާނުގެ ނޭފަތާއި އަނގަމަތި ފަޅައިގެން ދިޔައެވެ. ލަޙްފާން އޮތީ ކޮޓަރީ ފާރުބުޑަށް ވެއްޓިފައެވެ. އަހަރެން ބެލީ ވީ އެންމެ އަވަހަކަށް ޒައިދާން އެގެއިން ނެރެވޭތޯއެވެ. އަހަރެން ޒައިދާން ގަދަކަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނެރެގެން ގެންގޮސް ވީ، އެންމެ އަވަހަށް ގެއިން ނިކުތީމެވެ.

++++++++++++++++++++

"އަހަރެންނަކަށް ނުކެރޭނެ ދެން އެގެއަށް ދާކަށް!" އަހަރެން ވަރަށް ކަންބޮޑުވިއެވެ.

"އަހަރެން އިފާ އެގެއަށް ފޮނުވާނެކަމަށްތަ ހީކުރީ!.. ނުވެސް ފޮނުވާނަށް ދެން އެގެއަކަށް!" ޒައިދާން ރުޅިވެރިކަމާއެކު ބުންޏެވެ.

"އަހަރެން ދެން އެކަމު ހުންނާނީވެސް ކޮންތާކު؟! ލީޝާ ކައިރީވެސް ކީކޭ ބުނާނީ، ލީޝާ މަންމަމެން އަހަރެން ދެކެ ވަރަށް ރުޅިއަންނާނެ!.. އަހަރެން ވަރަށް އެބަ ހާސްވޭ!"

"އިފާ ހާސްވާނެކަމެއްނެތް!.. ލީޝާ ކައިރީ ރީތިކޮށް ވީގޮތް ބުނޭ!.. އޭނަ ނުޖެހެއެންނު އިފާ ގަޔަށް ބޮލަށް އަރާގަންނާކަށް!.. އަހަރެން މަންމައާއި ވާހަކަ ދައްކައިގެން އިފާ އަހަރުންގޭގައި ބެހެއްޓޭނެ ގޮތް ހަދާނަން.. މަންމަ ވަރަށް އަންޑަސްޓޭންޑިންގ ވާނެ...އަނެއްކޮޅުން މަންމަ ނިންމާ ކަންކަމަކަށް ބައްޕަ ފާޑެއް ނުކިޔާނެ!" ޒައިދާން އަހަރެންނަށް ގޮތެއް ހޯދާން ދޭން މަސައްކަތް ކުރިއެވެ.

"ނުކެރޭނެ ދެން އެކަމަކު ތިގެއަށް ދާކަށް!.." އަހަރެން ހަމައަސްލުގައިވެސް ލަދުގަނެ، ޖެހިލުންވިއެވެ.

"އެއީ ނުކެރޭ ވަރުގެ ކަމެއް ނޫނޭ އިފާ!.. އެގޮތަށް ހަމަނުޖެހި، ގެސްޓް ހައުސް އެއްގައި ބަހައްޓަން ޖެހުނަސް އަހަރެން އިފާ ދެން އެގޭގައި އުޅޭކަން ނުފޮނުވާނަން ހުވާ މިބުނީ!.. " ޒައިދާން ޔަޤީން ކަން ދިނުމުގެ ގޮތުން ބުންޏެވެ.

++++++++++++++++++++

ޒައިދާން މަންމަމެންނާއި ވާހަކަ ދެއްކުމަށް ފަހު އަހަރެން އެގެއަށް ބަދަލުކުރަން ނިންމިއެވެ. ކައިވެންޏަށް ދެން އޮތީ އެންމެ ހަފްތާއެއް ކަމުން، ނުކެރި ހުރެގެންވެސް އިތުރު އެހެން ގޮތެއް ނެތުމުން، އަހަރެން އެގޮތާއި އެއްބަސް ވީއެވެ.

އަނެއްކޮޅުން މިދިމާވި ކަންތައް ލީޝާއަށް ކިޔައިދޭނީވެސް ކިހިނެތްބާވައޭ އަހަރެން ހިތަށް އެރިއެވެ. ލީޝާގެ މަންމަމެން އަހަރެންނަށް އެހާ ރަނގަޅުއިރު، އަހަރެންގެ ފުށުން ލަޚްފާންއަށް އެވީ ގެއްލުމުގެ ސަބަބުން އެމީހުން އަހަރެންނަށް މުޅި ޢުމުރަށް ނަފްރަތު ކުރާނެކަން ގައިމެވެ. އެ ޚިޔާލުތައް އަހަރެން މާޔޫސްކޮށް ކަންބޮޑުކުރުވިއެވެ.

+++++++++++++++++++++

އެންމެ ފަހުން އަހަރެން ލީޝާ ގާތު ކަންތައްވީ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ލީޝާ އަހަރެން ދެއްކި ވާހަކަ ޤަބޫލުކުރިއެވެ. އަދި ދޮންބެގެ ފަރާތުން ވީ ކަންތަކަށް އަހަރެންގެ ކިބައިން މަޢާފަށްވެސް އެދުނެވެ. އެހެނަސް ޒައިދާންގެ ފަރާތުން އެފަދަ އަނިޔާއެއް ލީޝާގެ ދޮންބެއަށް ލިބުނީތީ ހިތްހަމަ ނުޖެހިފައި ހުރިކަން އަހަރެންނަށް އެނގުނެވެ. އަހަރެންވެސް އެކަމާ ކަންބޮޑުވާ ވާހަކަ ބުނީމެވެ. ނަމަވެސް އެގޮތަށް އެކަން ދިމާވީ، ޚުދު ޒައިދާންއަށް އެމަންޒަރު ފެނުމުންކަންވެސް އަހަރެން ބުނީމެވެ.

އެދުވަހު ލީޝާ އާއި އޭނާގެ މަންމަ ދިޔައީ ވިހައިގެން އުޅޭ ތިމާގެ ކުއްޖަކަށް ގޮވާލަންކަންވެސް ލީޝާގެ ވާހަކައިން އަހަރެންނަށް އެނގުނެވެ. ލީޝާގެ މަންމައާއި ކުރިމަތިލާން އަހަރެންނަށް ނުކެރޭނެ ކަމުގައި އަހަރެން ލީޝާގާތު ބުނީމެވެ. އަދި ވީގޮތް، ލީޝާގެ މަންމައަށް ކިޔާދިނުމަށް އަހަރެން ލީޝާގާތު އެދުނީމެވެ. އަދި އޭގެ އިތުރުން، އެގޭގައި އަހަރެން ހުންނަން ޒައިދާން ބޭނުންނުވާ ވާހަކަވެސް އަހަރެން ލީޝާގާތު ބުނީމެވެ.

+++++++++++++++++

ޖެހިގެން އައި ދުވަހު އަހަރެން ޒައިދާންމެންގެއަށް ބަދަލުވީމެވެ. އެގޭގައި ހުރި ގެސްޓް ރޫމް އަހަރެންނަށް ދިނެވެ. ހެޔޮވަރުގެ ކޮޓަރިއެކެވެ. ކޮޓަރީގައި ފާޙާނާއެއްވެސް އިނެވެ. ގޭގައި ގެންގުޅޭ މީހަކު ހުންނާތީ، ގޭގައި މާބޮޑުކަމެއް ކުރާކަށް ޒައިދާން މަންމައަކަށް ވެސް ނުޖެހެއެވެ. މުޅި ގޭތެރެ އާއި، އަހަރެންނަށް ދިން ކޮޓަރިވެސް ވަނީ ވަރަށް ރީތިކޮށް ސާފުކޮށްފައެވެ.

"އިފާ ދޮރުހުޅުވާލަބަލަ..." ޒައިދާން ކޮޓަރީގައި އޮވެ ފޯނުން ގުޅާލާފައި ބުންޏެވެ.

"ކިހިނެތްވީ؟.. އަހަރެން ކަންބޮޑުވެހުރެ އެހީމެވެ.

"ޕިސް ދެންހާދަ ސުވާލުގިނައޭ... ތި ކޮޓަރިއަށް ޖައްސާލަންވެގެންނޭ!.." ޒައިދާން ލާނެތްފާޑަކަށް ބުންޏެވެ.

"އަޅޭ... ޒައިދާން ކީކޭ ތިކިޔަކީ..! މަށަކަށް ނުކެރޭނެ ދެން!.." އަހަރެން ހާސްވިއެވެ.

"އެކަކުވެސް ނެތޭގެއަކު... ތިން ސިކުންތު ތެރޭ ދޮރު ހުޅުވާތި، މިދަނީ.." ޒައިދާން އެހެން ބުނެފައި ފޯނުބޭއްވިއެވެ.

އަހަރެން ވަރަށް ބިރުން ހުރެ، ޒައިދާން އެބުނި ގޮތަށް ކޮޓަރީގެ ދޮރު ހުޅުވީމެވެ. އިސާހިތަކު ޒައިދާން އައިސް އަވަސް އަވަހަށް އަހަރެންގެ ކޮޓަރިއަށް ދެމިގަތެވެ.

"މީ މާ ސަޅިގޮތެންނު ދޯ!" ވަތްގޮތަށް ވަދެ، އަހަރެން ގައިގައި އޮޅުލާގަންނަމުން ޒައިދާން ބުންޏެވެ.

"ސާބަސް! ބިރެއްވެސް ނުގަނޭތަ! މަންމައަށް އެނގިއްޖެއްޔާ ކީކޭތަ ހިތަށް އަރާނީ!" ޒައިދާން އާ ކުޑަކޮށް ދުރުވެލަމުން އަހަރެން ބުނީމެވެ.

"މަންމައެއް ނެތޭ ގެއަކު!.. އެހެން ނޫނަސް މަންމަމެންވެސް މިހިން އުޅެފައޭ ހުންނާނީ..!"

މިހިން ބުނުމަށް ފަހު ހެމުން ހެމުން އަހަރެން އެނދުމަށްޗަށް ވައްޓާލިއެވެ. އަހަރެން ހަމައެވަގުތު ކުއްލިއަކަށް ތެދުވީމެވެ. ޒައިދާން އަހަރެންނާއި ވަރަށް ކައިރިއަށް އައެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހިލީމެވެ. އަނެއްކާވެސް ޒައިދާން އަހަރެންގެ މޫނަށް ބަލަމުން އަހަރެންނާއި އިތުރަށް ކައިރިވެލިއެވެ. އަހަރެންގެ ބުރަކަށިގޮސް މަޑުމަޑުން ފާރުގައި ޖެހުނެވެ. ދެން އިތުރަށް ފަހަތަށް ދެވޭކަށް ނެތެވެ. ޒައިދާން އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަދި އަހަރެންވެސް ޒައިދާންގައިގައި ހިފަހައްޓާލީމެވެ. ޒައިދާން އޭނާގެ ދެއަތުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފާލާފައި ޒައިދާންގެ މޫނާއި ކައިރިކޮށްލިއެވެ. އަހަރެން އިސް އުފުލާލާފައި ޒައިދާންގެ ލޮލަށް ބަލާލީމެވެ. ޒައިދާންވެސް ސީދާ އަހަރެންގެ ލޮލަށްބަލަމުން ގެންދިޔައެވެ. ޒައިދާންގެ ބުޅިއިސްތަށިގަނޑާއި އަހަރެން ކުޅެލީމެވެ. އެއީ އަހަރެންނަށް އެންމެ ހިތްގައިމު އިސްތަށިގަނޑެވެ. ޒައިދާން އަހަރެންގެ މޫނުގައި ބޮސްދެމުންގެންދިޔައެވެ. އެ ލޯބިން ފުރިގެންވާ ވަގުތުކޮޅުގެ އުފާ އަހަރެންނާއި ޒައިދާން ފުރިހަމައަށް ލިބިގަތީމެވެ.

ޒައިދާން މީ ހާދަ އާފަޔާ ޚިލާފް މީހެކޭ އަހަރެން ހިތަށް އެރިއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ޒައިދާންގެ މިފަދަ އާދަޔާޚިލާފް ލޯބި ކަންކަމުން އަހަރެން ޒައިދާންދެކެ ވާލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދެއެވެ.

+++++++++++++++++++

ކައިވެނީގެ ހުރިހާ ކަމެއްހެން ހަމަޖެހި ނިމިއްޖެއެވެ. ޒައިދާންމެންގެ ގޭގައި އަހަރެމެންގެ ރަންވެސް ކިޔައިފިއެވެ. ކައިވެނިކުރަން ހަތަރު ދުވަހަށްވީއެވެ. އިންތިހާއަށް އަހަރެންގެ ހިތްނުތަނަވަސްވެއެވެ. ހަމައެއާއެކު އުފާވެރިކަންވެސް އިޙްސާސްކުރެވެއެވެ.

++++++++++++++++

އިންތިޒާރުކުރި ދުވަސް އައިސްޖެހިއްޖެއެވެ. ލީޝާ، އެ ދުވަހުގެ ބޮޑުބައި އަހަރެންނާއި އެކު ސެލޫންގައި އުޅުމަށްފަހު، އަހަރެން ކައިވެނިޕާރޓީއަށް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްގެން، އަހަރެން ގޮވައިގެން ދަރުބާރުގެއަށް ދިޔައެވެ. ޒައިދާން އޭރު އަދި ތައްޔާރުވެގެނެއް ނާދެއެވެ.

ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އެރޭގެ އަށެއް ޖަހާއިރުއެވެ. ޕާޓީ ފެށެން އޮތީ ކައިވެނިކުރުމަށްފަހު އެވެ. އަހަރެމެންގެ ކައިވެނީގެ ކަންތައް ކުރުމަށް ތައްޔާރުކޮށްފައިވާ މޭޒަށް ބަލާލާ ކޮންމެ ފަހަރަކު އަހަރެންގެ ވިންދު އަވަސްވެއެވެ. ބައްޕަ އަންނާނެބާއޭ ހިތަށްއަރާފައެވެ.

އަހަރެން އަރައިގެން ހުރީ އެހެންޏާ ނާރާވަރުގެ އުސް ބޫޓަކަށް ކަމުން ފަޔަށް ތަދުވާގޮތްވާތީ، ގޮނޑީގައި ކުޑައިރުކޮޅަކަށް އިށީނދެލީމެވެ.

"އާޗާ..! ބަލާލަ އެހެރަ އަންނަނީ.. އިފާގެ ޕްރިންސް" އަހަރުމެން ތިބި ހޯލްގެ ދޮރާއި ދިމާލަށް އިޝާރާތްކޮށް ލީޝާ ބުނެލިއެވެ.

އަހަރެންވެސް އެނބުރި ބަލައިލީމެވެ. އެއީތެދެކެވެ. ޒައިދާން މިރޭ ހާދަރީއްޗެވެ. ގަދަނޫކުލައިގެ ސޫޓެއްލާފައި ހުރިއިރު އިސްކޮޅުން ދިގު، ޒައިދާންގެ ފިރިހެންވަންތަކަން މާރަނގަޅަށްވެސް މިރޭ ހާމަވެއެވެ. ޒައިދާންގެ ހިތްގައިމު އިސްތަށިގަނޑު ސްޓައިލްކޮށްލާފައި ހުރިގޮތް މިރޭ އަދި މާރީއްޗެވެ. ކަޅުކުލައިގެ، ކޮޅަށް އޫ، ބޫޓުގައި އާދައިގެ ހިނގުމެއްގައި ހޯލަށް އެހެރަވަދެގެން އަންނަނީ ކުޑައިރުކޮޅެއް ފަހުން އަހަރެންގެ ފިރިމީހާއަށް ވާނެ، އަހަރެން އެންމެ ލޯބިވާ ޒައިދާންއެވެ. ޒައިދާންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

"ސުބްޙާނަﷲ މީކޮންކުއްޖެއް؟.." ޒައިދާން އައިސް އަހަރެންގެ ކައިރީހުއްޓިލާފައި ބުންޏެވެ.

"މީ ހަމަ އެކުއްޖާ!" އަހަރެންވެސް ލާނެއްކަމާއެކު ޖަވާބުދިނީމެވެ.

"ނުވާނެ އެހެނެތް! ތީ މިހޯދާ ކުއްޖާއަށްވުރެވެސް މާލޯބިކުއްޖެއް!...މިރޭ ހާދަރީއްޗޭ އިފާ! ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެންގެ އަންހެނުންދޯ.." ޒައިދާން އުފާވެލާފައި އަހަރެންގެ އަތުގައި ހިފާލާފައި ބުންޏެވެ.

"ކުޑައިރުކޮޅަކުން ތީ އަހަރެންގެ ފިރިމީހާ ދޯ!" ކުޑަކޮށް ރަކިވެހުރެ އަހަރެންވެސް ބުނީމެވެ.

++++++++++++++++++++

ކައިވެނީގެ ވަގުތު ޖެހިއްޖެއެވެ. ކައިވެނިކޮށްދޭ މީހުންނާއި ހެކިވެރިންވެސް މޭޒުކައިރީގައި އިށީދެއްޖެއެވެ. އަހަރެންގެ ހިތްނުތަނަވަސްވެ އިނދެ، ދޮރާއި ދިމާލަށް ބަލާލީމެވެ. އަހަރެން ހީކުރާ ގޮތަށް ބައްޕަ ހޯލަށް ވަދެގެން އައިސް އަހަރެންނާއި ޖެހިގެން އެއްފަރާތުގައި އިންގޮނޑީގައި އިށީނެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ބައްޕަ އެއައީ އަހަރެންނަށް ވަލީދޭށެވެ. ބައްޕަ ކިހާ ރަނގަޅުހޭ އަހަރެންގެ ހިތަށް އެރިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެމެންގެ ކައިވެނި ކުރެވިއްޖެއެވެ. އަހަރެން، ޒައިދާންގެ އަލަތު އަންބަކަށް ވީއެވެ. އެއާއެކު، ޒައިދާން އަހަރެންގެ އަލަތު ފިރިއަކަށް ވީއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އެ އުފާވެރި ޙަޕްލާގައި މަންމައާއި، ތުއްތަ ބައިވެރިވިނަމަ، އެޙަފްލާ އިތުރަށް ފުރިހަމަވީހޭ އަހަރެންގެ ހިތަށް އެރިއެވެ.

ކައިވެނި ކޮށްދީ ނިމުމާއިއެކު، ބައްޕަ ހޯލުން ނިކުންނަށް ހިނގައިގަތެވެ. ޒައިދާންގެ ބައްޕަ ގޮސް ކޮންމެވެސް އެއްޗެއް އަހަރެންގެ ބައްޕަ ގާތު ބުނިތަން ފެނުނެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ބައްޕަ، އެ ޙަފްލާ ދޫކޮށް ހިނގައްޖެއެވެ. އަހަރެން އިންތިހާ އަށް ދެރަވިއެވެ. އަހަރެންގެ ޙަޔާތުގައި އައި އެންމެ މުހިންމު ދުވަހު، މަންމަ ކައިރީގައި ނެތްތާންގައި ބައްޕަ އައުމަށްފަހުވެސް، އަހަރެންނާއި ކުޑަމިނުން ހަތަރުކަޅިވެސް ހަމަކޮށްނުލާ އެ ދިޔައީއެވެ. އަހަރެން ކިހާ ބަދުނަސީބުވެރި ހެއްޔެވެ!

"އިފާ..ޕްލީޒް.. ނުރޯތި މިގަޑީ.. ޕްލީޒް... " އަންނަ މީހުންނަށް މަރްޙާބާ ކިޔުމަށް ތައްޔާރުވެގެން، އަހަރެންނާއި ޖެހިގެން ހުރި ޒައިދާން، އަހަރެންގެ މޫނަށް ބަލާލާފައި، އަސަރާއެކު ބުންޏެވެ.

އަހަރެން ހިތްވަރުކޮށްފައި، ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅާލީމެވެ. ހިތްވަރު ކުރުމުގެ ބޭނުމުގައެވެ. އެއީ ތެދެކެވެ. އަހަރެން އެ ޙަފްލާގައި ރޮއެފިނަމަ، އެއީ މާ ހިތްގައިމު މަންޒަރަކަށް ނުވާނެއެވެ.

ޒައިދާންގެ އާއިލާގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި، ހިނިތުންވުން އަހަރެން ދުށީމެވެ. ޒައިދާންއަކީ މާލޭގެ ބޮޑު އާއިލާއަކަށް ނިޞްބަތްވާ މީހެއްކަމުން، އެ ޕާޓީއަށް އައި ގިނަ މީހުންނަކީ އެ އާއިލާ މީހުންނެވެ. އަހަރެންގެ ފަރާތުން އެ އާއިލާއަށް އައީ، ލީޝާ އަދި ހުވޭ އެކަންޏެވެ.

++++++++++++++++++++++

ކައިވެންޏަށްފަހު ހަމަ އެރޭ އަހަރުމެން ރިސޯޓަކަށް ފުރީމެވެ. އެއީ ޒައިދާންގެ ބައްޕަ އަހަރުމެންނަށް ދިން 'ހަނީމޫން' ގިފްޓެކެވެ. އެރޭވީ، އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރިރެއަށެވެ. އަހަރެންގެ މުޅި ޢުމުރު ހޭދަކުރަން ބޭނުންވަނީ ޒައިދާންގެ އަތްބެއްގެ ގޮތުގައި ކަމުގައި އަހަރެން ބުނީމެވެ. އަހަރެންގެ ޙަޔާތުގެ އުފަލަކީ ޒައިދާންކަން އަހަރެން ބުނީމެވެ. އެރޭ، އަހަރެންވެފައި ހުރި އުފާ، އަހަރެންނަށް ބަޔާނެއް ނުކުރެވޭނެއެވެ. ހަމައެގޮތަށް ޒައިދާންވެސް އޭނާގެ އަތްބަކަށް އަހަރެން ވުމުން އޭނާއަށް ކުރެވޭ އިޙްޞާޞްތައް ބަޔާން ކުރިއެވެ. އެރޭ އަހަރެންނަށް ސިފަކުރެވުނީ ލޯބި ލޯބި ހުވަފެނެއްގެ ގޮތުގައެވެ. އެހެނީ، އަހަރެންގެ ދިރިއުޅުމުގައި ޒައިދާން އާއި ދިމާވުމާއި ހަމައަށް އޮތީ، ހިތްދަތިކަމާއި، ހިތާމައާއި، ބިރުވެރިކަން ކަމުގައި ވީތީއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް