ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލައިގަ ހައްޔަރު ކުރި މީހުންނާއި ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ނުކުރުމުން އެމީހުން ދޫކޮށްލަން ޖެހިއްޖެ އެވެ.
މި މައްސަލައިގަ ފުލުހުން އަށް މީހަކު ހައްޔަރު ކުރި އެވެ. އެމީހުން ބަންދުގައި ތިބީ ތަހުގީގު ނިމެންދެންނެވެ.
ފުލުހުން ބުނީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ތަހުގީގު ނިންމާ އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ. އެކަމަކު މުއްދަތު ހަމަވި އިރުވެސް ޕީޖީ އޮފީހުން އެ މައްސަލައިގަ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ ނިންމާފައިވާ ކަމަށެވެ. ފުލުހުން ބުނީ މިމައްސަލައިގަ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާކަމަށެވެ.
ހުޅުމާލޭގައި ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާ މީހަކަށެވެ. މިއީ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އެންމެން މިހާރު މިނިވަންވެފައި ވިޔަސް މޮނިކޮމް އަމުރެއްގެ ދަށުން މި އެންމެންގެ ފައިގަ ޓެގު އަޅުވާފައިވެ އެވެ. އަދި ޓެގު އަޅުވާފައިވަނީ އެއް އަހަރުދުވަހަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް