N/A
2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދައްކައި، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވެ، ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މި ހިނގާ އެޕްރީލް މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. ބަޖެޓުގެ އޯވަރޯލް ބެލެންސަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8 ބިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މި އަހަރު 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑުކުރެވިފައެވެ.
މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ ދައުލަތުގެ ދަރަނި މެނޭޖުކުރުމަށާއި، ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވުޒާރާއިން ބުނީ މިއީ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ތަޢާރަފުކުރި ސިޔާސަތުތަކުގެ ނަތީޖާކަން ހާމަވާ ކަމެއް ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިޞްލާޙުތަކާއި މަނިޓަރީ ސިޔާސަތަށް ގެނައި ބަދަލުތައް ހިމެނެއެވެ. ޚާއްޞަކޮށް، ބޭރު ފައިސާއާ ބެހޭ ޤާނޫނާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރާ ގަވާއިދުތައް ތަންފީޒުކުރުން ހިމެނެއެވެ. މި ސިޔާސަތުތަކުގެ ސަބަބުން މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާ ޖަމާކުރެވި، ސުކޫކް ދެއްކުމަށް މަގުފަހިވެގެންދިޔަ ކަމަށް ވުޒާރާއިން ބުންޏެވެ.
ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވެސް މި މުއްދަތުގައި ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ފާއިތުވި ހަފުތާގެ ނިޔަލަށް ލޯނު އަނބުރާ ދެއްކި މިންވަރު 8.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި މި ޢަދަދު ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. މިއީ 254.5 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51 ބިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 28.5 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީއެވެ. ފާއިތުވި ހަފުތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 20.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ނުވަތަ 17.8 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ)ގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 3.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.0 އިންސައްތައިގެ ކުރިއެރުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި އާމްދަނީއަށް އައި އެންމެ ބޮޑު ކުރިއެރުމަކީ ޓީ.ޖީ.އެސް.ޓީން ލިބުނު އާމްދަނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް