ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރާ ”އެލް ކްލެސިކޯ“ މެޗު މިރޭ!

ދުނިޔޭގެ އެންމެ ގިނަ މީހުން ބަލަން ފޯރި ހުންނަ އަދި އެންމެ ފޯރި ގަދަ މެޗު ކަމަށްވާ ސްޕެއިންގެ ވަރުގަދަ ދެ ބާރުގެ ކުރިމަތިލުން "އެލް ކްލެސިކޯ" މެޗު މިރޭ ރެއާލް މެޑްރިޑްގެ ރެއާލްގެ އެސްޓާޑިއޯ އެލްފްރެޑޯ...

10 Apr 2021 | 10:44

ދުނިޔޭގެ އެންމެ ގިނަ މީހުން ބަލަން ފޯރި ހުންނަ އަދި އެންމެ ފޯރި ގަދަ މެޗު ކަމަށްވާ ސްޕެއިންގެ ވަރުގަދަ ދެ ބާރުގެ ކުރިމަތިލުން "އެލް ކްލެސިކޯ" މެޗު މިރޭ ރެއާލް މެޑްރިޑްގެ ރެއާލްގެ އެސްޓާޑިއޯ އެލްފްރެޑޯ ޑިސްޓެފާނީ ސްޓޭޑިއަމްގައި ކުޅެވޭނެއެވެ.

މިރޭ ކުޅެން ތައްޔާރުވަމުން އަންނަ "އެލް ކްލެސިކޯ" މި މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެންމެ ފޯރިޔާއި އެކު ބަލާ އެއްމެޗެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ މެޗަކީ ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ އެންމެ ފޯރިގަދަ އެންމެ ބޮޑު މެޗުވެސް މެއެވެ.

މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި މި މެޗު ކުޅެން ހަމަ ޖެހިފައިވާއިރު، މިހާރުވެސް ދުނިޔޭގައި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ މި މެޗަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. މިރޭގެ މެޗަކީ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ ގެ 246 ވަނަ މެޗުކަމުގައިވާއިރު، މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވާ ”އެލް ކްލެސިކޯ“ މެޗުތަކުގެ ތާރީޚަށް ބަލާލުން މުހިންމު ކަމުގައި ދެކެމެވެ.

އެލް ކްލެސިކޯ ގެ ތާރީޚަށް ބަލާއިރު، ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ ގެ ޖުމްލަ 278 މެޗު ކުޅެފައިވެއެވެ. އެއީ ވާދަވެރި 246 މެޗާއި، އެކުވެރިކަމުގެ 33 މެޗެވެ. މީގެ ތެރެއިން 115 މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، ރެއާލް މޮޅުވެފައިވަނީ 101 މެޗުންނެވެ. 62 މެޗު ވަނީ އެއްވަރުވެފައެވެ.

އެލް ކްލެސިކޯ ގެ ތާރީޚުގައި ޖުމުލަ 811 ގޯލު ޖަހާފައިވެއެވެ. ރެއާލް މެޑްރިޑް 411 ގޯލު ޖަހާފައި ވާއިރު، ބާސެލޯނާ ވަނީ 400 ގޯލު ޖަހާފައެވެ. އެލް ކްލެސިކޯ ގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ޝަރަފާއި، އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ޝަރަފު އޮތީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އަތުގައެވެ. އޭނާ ވަނީ ޖުމުލަ 26 ގޯލާއި، 14 އެސިސްޓް ހަދާފައެވެ. މި ލިސްޓުގެ ދެވަނައިގައި 18 ގޯލާއެކު ރެއާލް މެޑްރިޑް ގެ ލެޖެންޑް އަލްފްރެޑޯ ޑީ ސްޓެފަނޯ އޮތްއިރު، ތިންވަނައިގައި 18 ގޯލާއެކު އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ”އެލް ކްލެސިކޯ“ މެޗެއްގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 13 މެއި 1902 ގައި ސްޕެނިޝް ކަޕް ގައެވެ. އެމެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. ”އެލް ކްލެސިކޯ“ މެޗެއްގައި މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ ނިމިގެން ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގައެވެ. ބާސެލޯނާ ދަނޑުގައި ކުޅުނު މި މެޗު 1-3 ގެ ނަތީޖާއިން މޮޅުވެފައިވަނީ ރެއާލް މެޑްރިޑްއެވެ.

މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، އެންމެ ބޮޑު ތަފާތަކުން މޮޅުވެފައިވަނީ ރެއާލް މެޑްރިޑް އެވެ. އެއީ 19 ޖޫން 1943 ވަނަ އަހަރު ސްޕެނިޝް ކަޕްގެ މެޗެއްގައެވެ. އެ މެޗު ބާސާގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދާފައިވަނީ 1-11 އިންނެވެ. ސްޕެނިޝް ލީގުގެ މެޗުތަކުންވެސް މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ބާސާގެ މައްޗަށް ކުރިހޯދާފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން 3 ފެބުރުއަރީ 1935 ގައި މި ދެޓީމު ބައްދަލުކުރި ލީގު މެޗަކުން ރެއާލް މެޑްރިޑުން ވަނީ 2-8 ގެ ނަތީޖާއަކުން ބާސާގެ މައްޗަށް ކުރި ހޯދާފައެވެ.

”އެލް ކްލެސިކޯ“ގެ އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފު މިހާތަނަށް ލިބިފައިވަނީ 4 ކުޅުންތެރިއަކަށެވެ. އެއީ މެނުއެލް ސަންޗިސް އާއި ފްރެންސިސްކޯ ގެންޓޯ އާއި ޒަވީގެ އިތުރުން މިހާރުވެސް ރެއާލްގެ ކެޕްޓަން ކަން ކުރަމުން އަންނަ ސާޖިއޯ ރާމޮސްއެވެ. މީގެތެރެއިންވެސް އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފު ލިބިފައިވަނީ ރާމޯސްއަށެވެ. ރާމޯސް ވަނީ މިހާތަނަށް 45 މެޗު ފުރިހަމަ ކޮށްފައިވެއެވެ.

އެލް ކްލެސިކޯ ގެ ތާރީޚުގައި ތަފާތު 23 ކުޅުންތެރިން ޖުމުލަ 28 ހެޓްރިކް ހަދާފައިވެއެވެ. ޖެއިމީ ލަޒްކާނޯ، ސެންޓިއާގޯ ބެރްނެބެއޫ، ޕައުލީނިއޯ އަލްކަންޓާރާ އަދި ފެރެންކް ޕުސްކަސް އާއި އެކު އެލް ކްލެސިކޯ ގައި އެންމެ ގިނަ ހެޓްރިކް ހެދުމުގެ ޝަރަފު ވެސް އޮތީ މެސީ އަތުގައެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިއަކީވެސް މެސީއެވެ. މި ކުޅުންތެރިން ވަނީ ޖުމުލަ 36 ހެޓްރިކް ހަދާފައެވެ.

އެލް ކްލެސިކޯ ގެ ތާރީޚަށް ނަޒަރު ހިންގާއިރު، ބާސެލޯނާ އަދި ރެއާލް މެޑްރިޑަށް ކުޅެފައިވާ، ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާލުމަކީ މުހިއްމުކަމެކެވެ. އެގޮތުން ލުއިސް ފީގޯ، ރޮނާލްޑޯ ނަޒާރިއޯ، ޒައިނުއްދީން ޒިދާން، ޖޫލެން ލޮޕެޓެގީ، ސަމުއެލް އެޓޫ، ހާވިއޭ ސަވިއޯލާ، ޖިއޮރްގޭ ހާޖީ، މައިކަލް ލައުޑްރަޕް، ލުއިސް އެންރީކޭ، ކްރިސްޓީއާނޯ ރޮނާލްޑޯ، ރޮބާޓޯ ކާލޮސް އަދި ރޮނާލްޑީނިއޯ ހިމެނެއެވެ.

މިރޭ ގެ ”އެލް ކްލެސިކޯ“ މެޗަށް ނިކުންނައި ދެޓީމުގެ މިހާރުގެ ހާލަތަށް ބަލާލާއިރު، ސްޕެނިޝް ލީގުގައި ދެ ޓީމުވެސް އޮތީ ރަނގަޅު ހާލަތެއްގައެވެ.

އެގޮތުން ލީގުގައި މިހޖާތަނަށް ކުޅުނު 29 މެޗުން 63 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. ބާސެލޯނާ އޮތީ 29 މެޗުން 65 ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނާގައެވެ. ދެ ޓީމަށް ބަލާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މި ދެޓީމުވެސް ވަނީ މޮޅުވެފައެވެ.

މިރޭގެ ބޮޑު ކުރިމަތިލުމުގެ ކުރިން ދެ ޓީމުގެ ފޯމުވެސް ރަނގަޅު ކަމަށް ފެންނަން އޮތް އިރު، ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅެފައިވަނީ ޗެމްޕިއަނަސް ލީގުގެ ކުއާޓާފައިނަލުގެ މެޗެވެ. ބާސެލޯނާ އެންމެ ފަހުން މެޗު ކުޅެފައި ވަނީ ލީގު މެޗެކެ އެވެ. އަމިއްލަ ދަނޑުގައި ދެ ޓީމުވެސް މެޗުތައް ކުޅުނު އިރު އަމިއްލަ ދަނޑުގައި 1-3 އިން ރެއާލް ވަނީ އިނގިރޭސި ކުލަބު ލިވަޕޫލް ބަލިކޮށްފަ އެވެ. ބާސާ މޮޅުވެފައިވަނީ ލީގުގައި ވެލޮޑޮލިޑް އަތުން 0-1 ގެ އިންނެވެ.

ކޮންމެ ގޮތެއް ވިޔަސް އެހެން މެޗުތަކުގައި ދެ ޓީމުގެ ފަރާތުން ވެސް ފެންނަ ކުޅުމަށް ވުރެން އެލްކުލެސިކޯގެ މެޗެއްގައި ފެންނަ ކުޅުން ބަރަށް ބޮޑަށް ތަފާތެވެ. އެހެން މެޗުތަކުގައި ނުފެންނަ ފޯރިއާއި، ހިތްވަރު ކުޅުންތެރިން އެ މެޗުގައި ދައްކާނެކަން ޔަގީނެވެ.

ދެ ޓީމުގެ ހާލަތު ވެސް ރަނގަޅުކަމަށް ފެންނައިރު، ދެ ޓީމުންވެސް އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ދެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމެވެ. ބާސެލޯނާގެ އަންސޫ ފާޓީއާއި ޕެޑްރީ ފަދަ ކުޅުންތެރިން ވިދާލި އިރު، ރެއާލްގެ ވިނިޝަސް ޖޫނިއާ ތަފާތު ދައްކަ އެވެ. ނަމަވެސް މިރޭގެ މެޗަށް ނިކުންނައިރު، މީގެ ބައެއް ޒުވާން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އެގޮތުން ބާސާގެ ޒުވާން ފޯވާޑް އަންސޫ ފަޓީ މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. އަންސޫ ފަޓީގެ އިތުރުން ކުޓީނިއޯ އާއި ނެޓޯ ވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުފެންނާނެއެވެ.

މިރޭގެ މެޗަށް ނިކުންނަ އިރު، ބާސާގައި އަނިޔާގެ މައްސަލަ ތަކެއް ހުރިއިރު، ރެއާލް އަށް ވެސް ވަނީ މި މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން ކެޕްޓަން ރާމޯސް އާއި ކަވަހާލް އަދި ހަޒާޑް އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅޭނެއެވެ. އަދި ކޮވިޑްއަށް ފައްސިވުމުގެ ސަބަބަުން ޑިފެންޑަރ ވަރާންއަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.

ބާސާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މި މެޗު ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައި ފެށޭއިރު، މި މެޗު ކުޅެވޭނީ ރެއާލްގެ އެސްޓާޑިއޯ އެލްފްރެޑޯ ޑިސްޓެފާނީ ސްޓޭޑިއަމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް