ނައިބް ރައީސް ފައިސަލް ނަސީމް ވޯޓު ލައްވައި، ވިދާޅުވީ އިންތިޒާމުތައް ރައްކާތެރި ކަމަށް

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ދާދި ދެންމެ ވޯޓު ލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ފުވައްމުލަކު ސިޓީގެ ރައްޔިތުން...

10 Apr 2021 | 09:08

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ދާދި ދެންމެ ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށް މާފަންނު ސްޓޭޑިއަމްގައި ބަހައްޓާފައި ހުރި ފުވައްލުލައް - 05 ވޯޓު ފޮއްޓަށެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ނައިބް ރައީސް ވިދާޅުވީ، މިހާރު ފެންނަމުން މިދަނީ ސިއްޙީ ގައިޑްލައިންތަކާ އެއްގޮތަށް ރައްޔިތުން ވޯޓު ލުމުގެ ޙައްޤު އަދާކުރާ މަންޒަރުކަމަށެވެ.  ނައިބް ރައީސް ވިދާޅުވީ، ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ލާމަރުކަޒީ ނިޒާމާއި ދިމާއަށް ކަމަށާއި ރާއްޖޭގެ މިހާރުގެ ސިޔާސަތަކީ ވެސް ލާމަރުކަޒު ކުރުން ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ، ވޯޓު ލުމުގެ ޙައްޤު އަދާކޮށް، ރައްޔިތުންގެ ބަސް ބުނުމަށްޓަކައި، ހުރިހާ ރައްޔިތުންވެސް ވޯޓު ލެއްވުމަށެވެ.

ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ވެސް ވަނީ ވޯޓު ލައްވައިފައެވެ. ޖިހާދު ވޯޓު ލައްވާފައިވަނީ މެދުހެންވޭރު ދާއިރާގެ ރައްޔިތުން ވޯޓު ލެއްވުމަށް ކެންގަރޫ ކިޑްސްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އެއީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުން ކެންޑިޑޭޓުން ނެރެއެވެ. އަދި އަމިއްލަ ގޮތުން ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ދެ އިންތިހާބަށް 1476 ކެންޑިޑޭޓުން ނެރެފައިވެއެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 826 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 650 ކެންޑިޑޭޓުންނެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. ދެ އިންތިހާބަށް އެ ޕާޓީން ނެރެފައިވަނީ 1146 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 647 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 499 ކެންޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް