ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާ ކ. ދިއްފުށީގައި ގިނަ އަދަދެއްގެ މީހުން ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބުމުން ވޯޓުލުން ކުރިޔަށް ގެންދާ ވަގުތަށް ބަދަލުތަކެއް ގެންނަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށައިފި އެވެ.
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި މިމައްސަލައިގަ މިއަދު ވަނީ މަޝްވަރާ ކޮށްފައިއެވެ. އެ ބައްދަލުވުމަކީ ވޯޓުލުމުގައި މިހާތަނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ދިއްފުށީގައި ވޯޓުލުމަށް 700 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 500 އެއްހާ މީހުން ތިބީ ކަރަންޓީން ނުވަތަ އައިސޮލޭޝަންގައިކަމަށް ވާތީ އެމީހުންނަށް ކަނޑައަޅާފައިވާ ގަޑީގައި ވޯޓުލައި ނިންމުމަކީ ދަތިކަމަކަށް ވާނެކަމަށެވެ.
އެހެންވެ ޝަރީފު ހުށަހެޅުއްވީ އާންމުކޮށް ވޯޓުލުން އެ ރަށުގައި މެންދުރު 2:00 އަށް ކުރިޔަށް ގެންދާށެވެ. އެއީ އެއް ގަޑިއިރު ތެރޭގައި500 އެއްހާ މީހުން ވޯޓު ލުމަކީ އުނދަގޫ ކަމަކަށް ވެދާނެތީ އެވެ.
ޝަރީފު މިހެން ހުށަހެޅުއްވިޔަސް ވޯޓު ލެވޭނެ ވަގުތު މީގެ ކުރިން އިއުލާންކޮށްފައި ވުމުން، އެ ވަގުތު ކުރުކުރަން ލަފާދޭ ކޮމިޓީގެ ގިނަ މެމްބަރުން ދެކޮޅު ހެއްދެވި އެވެ. ކައިރި ރިސޯޓުތަކުން ގިނަ ބަޔަކު ދިއްފުށީގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ކަމަށާއި އެ މީހުން ވޯޓުލުމުގެ ކަންތައް ކުރިއާލައި ހަމަޖައްސާފައިވާނެ ކަން ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވި އެވެ.
ދިއްފުށީގައި ވޯޓުލާ ވަގުތު ކުޑަކުރުމުގެ ބަދަލުގައި އާންމު ހާލަތުގައި ތިބި މީހުން ވޯޓުލާ ވަގުތުގައި ކަަރަންޓީނުގައި ތިބި މީހުން ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުން ހުށަހެޅުއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް