އަވައްޓެރި އިންޑިއާގައި ކޯވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނަ އިރު އިއްޔެ އަކީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުންނަށް އެ ގައުމުގައި ކޯވިޑް ޖެހުނު ދުވަސް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިއްޔެ އިންޑިއާގައި 145،384 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފަ ވެ އެވެ. މިއީ މިހާތަނަށް އިންޑިއާއިން ކޯވިޑް ފެނުނު ފަހުން އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހަށް ވާއިރު އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީ ނިސްބަތްވާ މަހާރާޝްޓްރާ ސްޓޭޓުންނެވެ.
އެ ސްޓޭޓްގައި މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވްވާ އަދަދު 50،000 އިން މަތީގައި އުޅޭތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެހެންވެ މި ހަފްތާ ބަންދުގައި މުޅި ސްޓޭޓް ވަނީ ލޮކްޑައުނަކަށް ގޮސްފައި އެވެ.
އިއްޔެ އަކީ މިދިޔަ ފަސް މަސް ދުވަހުުގެ ތެރޭގައި ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން އިންޑިއާގައި މަރުވި ދުވަހެވެ. އިއްޔެ ކޯވިޑްގައި އެ ގައުމުގައި 794 މީހުން މަރުވެފައިއެވެ.
އިންޑިއާ އަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާ ގައުމެވެ. ލިސްޓުގެ އެއް ވަނައިގަ އެމެރިކާ އޮތް އިރު ދެ ވަނައަށް އެންމެ ކޯވިޑް ކޭސްތައް ގިނައީ ބްރެޒިލް ގައި އެވެ.
އިންޑިއާގައި މިހާތަނަށް 13.21 މިލިއަން މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
އިންޑިއާއަށް ކޯވިޑްގެ ދެ ވަނަ ރާޅު އަރާފައިވާއިރު ސަރުކާރުން ބުނަމުންދަނީ ކޯވިޑް ފެތުރުން އިތުވެފައިވަނީ ހެދިފައިވާ ގަވައިދުތަކަށް އަމަލުކުރަމުން ނުދާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް