ވީހާ ވެސް ގިނަ ބަޔަކު ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މިއަދއިލްތިމާސްކުރައްވައިފި އެވެ.
މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، މިއީ އަތޮޅު ތެރެއާއި މުޅި ރާއްޖޭގެ ހިންގުމަށްވެސް ނުހަނު މުހިއްމު ވޯޓެއް ކަމަށެވެ. އަދި މި ދަނޑިވަޅަކީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ނަމަވެސް، ވީހާވެސް ގިނަ ރައްޔިތުން ވޯޓު ލެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް އިތުރަށް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ މަޤާމު އެންމެ ކުޑަމިނުން 60 އިންސައްތައިގެ އަޢުލަބިއްޔަތަކާއެކު ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ކާމިޔާބު ކުރާނެކަން ވަރަށް ބޮޑަށް ޔަޤީން ކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޅ ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 10:40 ގައި އެމަނިކުފާނު ވަނީ ވޯޓު ލައްވާފައެވެ. ވޯޓު ލެއްވުމަށްފަހު އެމަނިކުފާނު ވަނީ އެ ސަރަޙައްދުގައި ވޯޓު ލުމަށް ތިއްބެވި ދާއިރާގެ ބައެއް ރައްޔިތުންނާވެސް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ކޮވިޑުގެ މި ޙާލަތަށްވުމާއެކު، އެމަނިކުފާނު އެ ސަރަަޙައްދުގައި މާ ގިނަ ވަގުތު މަޑުކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް