ދައްކަން ޖެހޭ ބައެއް ކަރަންޓު އަދި ފެން ބިލްތަކަށް ފައިސާ ނުދެއްކި ލަސްވެފައިވަނީ ފެނަކައިން ބިލްތަކާއި އެ ބިލްތަކުގެ ތަފްސީލް ނުދޭތީ ކަމަށް ލ.ފޮނަދޫ ކައުންސިލް އިދާރާއިން ބުނެފިއެވެ.
"ދުވަސް" އަށް މައުލޫމާތު ދެމުން ފޮނަދޫ ކައުލްސިލް އިދާރާއިން ބުނީ ކައުންސިލް އިން ފެނަކައަށް ދައްކަން ޖެހޭ ބައެއް ކަރަންޓު އަދި ފެން ބިލުތަކެއް އެބަހުރި ކަމަށެވެ. އެއީ މަގު ބައްތިތަކާއި ފޮނަދޫ މެދު އަވަށު އިޖުތިމާއީ މަރުކަޒާއި އަދި އެރަށުގެ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިތުރުން ފޮނަދޫގެ މިސްކިތްތަކުގެ 2018، 2019، 2020 އަދި 2021 ވަނަ އަހަރުގެ ބިލްތަކެއް ކަމަށެވެ.
އަދި އެ ބިލްތަކަށް މިހާތަނަށް ފައިސާ ނުދެއްކި ވަނީ ފޮނަދޫ ފެނަކަ އަށް އެތަކެއް ފަހަރުމަތިން ތަކުރާރުކޮށް ބިލްތަކުގެ ތަފްސީލް ދިނުމައް އެދި ސިޓީ ފޮނުވައިގެން ވެސް އޭގެ ޖަވާބެއް ލިބިފައި ނުވާތީ ކަމަށްވެސް އެ ކައުންސިލް އިދާރާއިން ވަނީ ބުނެފައެވެ.
ކައުންސިލުން އިތުރަށް މައުލޫމާތު ދެމުން ބުނީ ފޮނަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ބައެއް ކަރަންޓް އަދި ފެން ބިލްތަކަށް ފައިސާ ނުދެއްކި ވަނީ ކައުންސިލް އިދާރާގެ އިހުމާލުން ނޫންކަމަށެވެ. އަދި ކައުންސިލް އިދާރާގެ މި ބުނި ބިލްތަކަށް ފައިސާ ނުދެއްކި ވަނީ ފެނަކައިގެ އިހުމާލުން ކަމަށް ދެކޭ ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.
" ތެދެއް ކައުންސިލް އިދާރާއިން ދައްކަން ޖެހޭ ބައެއް ބިލަތަކަށް ވާ ފައިސާ ނުދެއްކި އެބަހުރި. އެހެން ނަމަވެސް އެ ފައިސާ ނުދެއްކި ވަނީ ކީއްވެގެންތޯވެސް ބަލާލަން ޖެހޭ. ބިލްތަކަށް ފައިސާ ދެއްކުމަށް އެ ނުދައްކާހުރި ބިލްތަކުގެ ތަފްސީލް ދިނުމަށް އެދި އެތައް ފަހަރަކު ފެނަކައަށް ސިޓީ ފޮނުވާފަ ވާނެ. ގުޅާފަ ވެސް ވާނެ. ނަމަވެސް އަދިއަދަށްވެސް ޖަވާބެއް ނުލިބޭ. ޖަވާބު ނުދީ ހުރެ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރުދިނީ ފެނަކައިން. މިއީ ހަގީގަތަކީ". ފޮނަދޫ ކައުންސިލް އިދާރާއިން މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ފޮނަދޫ ކައުންސިލުން ބުނީ ރާއްޖޭގެ އޮންލައިން ނޫހެގައި ހަގީގަތާއި ޚިލާފު ވާހަކަތަކެއް ލިޔެ އާންމު ކުރުމަކީ ދެރަކަމެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކަމުގައި އެކުލެވިގެން ނުވާ ސިޔާސީ ސްޓަންޓެއް ކަމަށެވެ. ކަަރަންޓު ބިލްތަކަށް 1.4 މިލިއަން ރުފިޔާ ނުދައްކާ ހުރިކަމަށް ބައެއް ނޫސްތަކުގައި ލިޔެ އާންމުކުރި އިރު، އެ އިދާރާއިން ބުނެފައިވަނީ ބިލްތަކުގެ މައްސަލާގައި ފެނަކައަށް ގުޅުމުން ބުނި އަދަދާއި އެ ނޫހުގައި ބުނެފައި އިން އަދަދާއި އެއްގޮތަކަށްވެސް ދިމާ ވެސް ނުވާ ކަމަށެވެ.
ފޮނަދޫ ކައުންސިލް އިދާރާއިން ފޮނަދޫ ފެނަކައިގެ ކުންފުނީ ނަމްބަރު FNK/249/2021/005 ގެ ސިޓީއާއި ހަވާލާދީ މިއަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ފޮނުވި ސިޓީގައި ވެސް ބުނެފައިވަނީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ބިލްތަކުގެ ތަފްސީލް ދިނުމަށް އެތަކެއް ފަހަރެއްގެ މަތިން ފޯނުން ގުޅާ މަސައްކަތް ކޮށްފައިވާނެ ކަމަށާއި އަދި ފޮނަދޫ ކައުންސިލް އިދާރާގެ ނަމްބަރ 401-C/FNK/2020/9 ގެ 23 ނޮވެމްބަރ 2020 ގައި ފޮނުވި ސިޓީގައި ވެސް ބިލްތައް ފޮނުވައި ދިނުމަށް އެދިފައިވާނެ ކަމަށާއި އަދި ފޮނުވުމާއި އެކު ބިލްތަކަށް ފައިސާ ދައްކާނެ ކަމަށްވެސް މި ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
އަދި މި ބިލްތަައް ކައުންސިލަށް ލިބޭނެ ގޮތް ހަދައިނުދީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލުމަކީ ކުރެވޭނެ ކަމެއް ކަމަށް ކައުންސިލުން ގަބޫލް ނުކުރާ ކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް