ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވޯޓު ލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވޯޓު ލައްވައިފި އެވެ. ރައީސް ޞާލިޙް ވޯޓު ލައްވާފައި ވަނީ، މިއަދު ހެނދުނު 10:30 ހާއިރު، ޖަމާލުއްދީން ސްކޫލްގެ އުތުރުކޮޅުގައި ހުރި ފޮށްޓަކަށެވެ. އެމަނިކ...

10 Apr 2021 | 05:53

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވޯޓު ލައްވައިފި އެވެ.

ރައީސް ޞާލިޙް ވޯޓު ލައްވާފައި ވަނީ، މިއަދު ހެނދުނު 10:30 ހާއިރު، ޖަމާލުއްދީން ސްކޫލްގެ އުތުރުކޮޅުގައި ހުރި ފޮށްޓަކަށެވެ. އެމަނިކުފާނު ވޯޓުލައްވާފައި ވާއިރު، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު މެންދުރު 11:34 ގައި ވޯޓުލެއްވުމަށް ވޯޓުލާ މަރުކަޒަށް ވަޑައިންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، މިއީ އަތޮޅު ތެރެއާއި މުޅި ރާއްޖޭގެ ހިންގުމަށްވެސް ނުހަނު މުހިއްމު ވޯޓެއް ކަމަށެވެ. އަދި މި ދަނޑިވަޅަކީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ނަމަވެސް، ވީހާވެސް ގިނަ ރައްޔިތުން ވޯޓު ލެއްވުމަށް ރައީސް ޞާލިޙު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ މަޤާމު އެންމެ ކުޑަމިނުން 60 އިންސައްތައިގެ އަޢުލަބިއްޔަތަކާއެކު ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ކާމިޔާބު ކުރާނެކަން ވަރަށް ބޮޑަށް ޔަޤީން ކުރައްވާ ކަމަށެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އެއީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުން ކެންޑިޑޭޓުން ނެރެއެވެ. އަދި އަމިއްލަ ގޮތުން ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ދެ އިންތިހާބަށް 1476 ކެންޑިޑޭޓުން ނެރެފައިވެއެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 826 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 650 ކެންޑިޑޭޓުންނެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. ދެ އިންތިހާބަށް އެ ޕާޓީން ނެރެފައިވަނީ 1146 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 647 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 499 ކެންޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް