އާންމުންގެ ތެރޭގައި ކޯވިޑް-19 ނެތްކަމަށް އަދި ގަބޫލެއް ނުކުރަން: އަމީން

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި އާންމުންގެ ތެރޭގައި ނެތް ކަމަށް އަދި ގަބޫލް ނުކުރައްވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން...

10 Apr 2020 | 12:22

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި އާންމުންގެ ތެރޭގައި ނެތް ކަމަށް އަދި ގަބޫލް ނުކުރައްވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބަލީގެ ނުރައްކާތެރި މިންވަރާއި ބަލި ފެތުރެމުންދާ ރޭޓާއި ގޮތަށް ބަލާއިރު ބަލި އާންމުންގެ މެދުގައި ނެތް ކަމަށް އަދި ގަބޫލު ކުރެވެން ނެތް ކަމަށެވެ. އަމީން ވިދާޅުވީ އާންމުންގެ މެދުގައި ބަލި ފެތުރުން ކޮންޓޯލް ކުރުމަށް އަޅާފައިވާ ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް އެއްދުވަހުން އަނެއް ދުވަހަށް ބަދަލުކޮށް ވަރުގަދަ ކުރަމުންދަނީވެސް އެހެންވެ ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރިއްޖެ ނަމަ ކޮންޓްރޯލް ކުރަން އުނދަގޫ ވާނީ ނުވަތަ ނުކުރެވޭނީ މާލޭގައި ކަމަށް ކުރިން ސަރުކާރުން ވަނީ ބުނެފައި އެވެ. އެހެންވެ މާލެ ސަރަހައްދަށް ވަކިން ކޯވިޑް-19 އާއި ގުޅިގެން ވަނީ ފިޔަވަޅުތަކެއް އަޅާފައި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަކިވަގުތެއްގައި ބޭރުގައި މީހުން އުޅުން ހަފްތާއަކަށް މަނާ ކުރީ އާންމުންގެ މެދުގައި ބަލިފެތުރޭތޯ ބަލަން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެކަމަކު އެމުއްދަތުގައި ބަލި އާންމުންގެ ތެރޭގައި އުޅޭކަން ފާހަގަވެފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ލުއި ދީ ބަލި އާންމުންގެ މެދުގައި ފެތުރެމުން ނުދާކަން ޔަގީން ކުރަން އަދި މަޑު ކުރަން ޖެހޭ ކަމަށެވެ. ރާއްޖެ މި ބަލީގައި މި އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުވެދާނެ ކަމަށް ބެލެވޭ ހިސާބާއި، ބަލި ރާއްޖޭގައި ފެތުރެން ފަށާނެ ކަމަށް ބެލެވޭ ހިސާބު ދެނެގަންނަން ފަށާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އަދި ރާއްޖެއަށް ޓޫރިސްޓުން އައުން މަނާ ކުރިތާ14 ދުވަހަށް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރިސޯޓުތަކުގައި ތިބި ދިވެހި މުވައްޒަފުން14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކޮށް ރަށްރަށަށް ދާން ފެށުމުން ހާލަތަށް އަންނަ ބަދަލު ދެގެނަންނަން ޖެހޭ ކަމަށެވެ.

އަމީން އިތުރަށް ވިދާޅުވީ އެޅިފައި ހުރި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ބަލި ފެންނަމުން ނުދާ ކަމަށެވެ. އެކަމަކު އެހެން ގައުމުތަކުން ފެންނަ މަންޒަރަށް ބަލާއިރު ބަލި ނުފެންނަތާ މަހެއްހާ ދުވަސް ފަހުން ކުއްލިއަކަށް ކޯވިޑް-19 ފެތުރެން ފަށާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.

އެހެންވެ މިނިސްޓަރު އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުންވެސް މި ދުވަސްވަރު ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިއްބެވުމަށެވެ.

އެޗްޕީއޭއިން ދަނީ ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ނުފެތުރޭކަން ޔަގީން ކުރުމަށް ދިރާސާއެއް ހަދަމުންނެވެ. މިހާތަނަށް އެ ދިރާސާގައި ވަނީ އާންމުކޮށް ފެތުރެމުންދާ ރޯގާތަކާއި ގުޅިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ބަޔަކު ކޯވިޑްއަށް ޓެސްޓުކޮށްފައި އެވެ. އެކަމަކު އެއްވެސް މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިއެއް ނުވެ އެވެ.

މީގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވޭތޯ ކޮންމެ ދުވަހަކު ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް