އަންނަ އާދިއްތަ ދުވަހުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ގޮތަށް ހުރިހާ ގްރޭޑަކަށް ޓެލިކްލާސްތައް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑް 1-6 އަށް ޓެލިކިލާސް މެދުވެރިކޮށް، ކިޔަވައިދޭނީ ލިޓްރެސީ އާއި ނިއުމަރަސީއަށް އަމާޒުކޮށްގެން ކަމަށެވެ. މިހާރު ޓެލިކިލާސްތައް މެދުވެރިކޮށް ކިޔަވައިދެމުންދެނީ ގްރޭޑް 7 ކުން ފެށިގެން މަތީގެ ގްރޭޑުތަކަށެވެ.
ކޯވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށް ފަހު، އެންމެ ބޮޑު ސަމާލުކަމެއް ދިނީ މި އަހަރު އޯ ލެވެލް އަދި ގްރޭޑު 11ގެ ފަހު އިމްތިހާނު ހަދާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ގްރޭޑުތަކަށް ހާއްސަ ކޮށްގެން ޓީވީ ޗެނަލްތައް މެދުވެރިކޮށް، ޓެލިކިލާސް ފަށައި ޓީޗަރުންނާ ވާހަކަ ދައްކައި ފިލާވަޅުތައް އޮޅުން ފިލުވުމަށް ގޫގުލް ކްލާސްރޫމް ބޭނުންކުރަން ފެށި ކަމަށް ވިދާޅުވި އެވެ.
އަންނަ ހަފްތާގައި އަލަށް ފައުންޑޭޝަން ލެވެލް ކަމަށްވާ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށްވެސް ކިޔަވައިދޭން ފަށާނެ އެވެ. މިނިސްޓަރު ވިދާޅުވީ އެ ކުދިންނަށް ކިޔަވައިދޭނީ ކުޅިވަރު ހިމެނޭ ހަރަކާތްތަކެވެ. އެއީ އެ ކްލާސްތަކުގެ ކުދިންނަށް ގޭގައި ބެލެނިވެރިންނާ އެކު ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަން ހެލްތު މިނިސްޓްރީން ތައްޔާރުވާން ފެށިއިރު އެޑިއުކޭޝަން އިމަޖެންސީ ޕްލޭނެއް ހަދަން ފެށި ކަމަށެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަން އޮތް ގައުމުތަކުގެ ތަޖުރިބާ ބެލި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށް އެންމެ ފަސޭހައިން ތައުލީމު ފޯރުކޮށްދެވޭނެ ގޮތެއް ކަމަށް ގައުމުތަކުގެ ތަޖުރިބާއަށް ބަލައި ގަބޫލު ކުރެވުނީ ޓީވީ އަދި އިންޓަނެޓުގެ ވަސީލަތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް