ސިއްހީ ޙިދުމަތް ދޭ ހޮސްޕިޓަލްތަކުގެ އެމްބިއުލަންސުތަކާއި ވެހިކަލްތައް މަރާމާތްކުރުމަށް ބަނދަރު ބަލަހައްޓާ ކުންފުންޏަށް ދިނުން /ފޮޓޯ: އެމްޕީއެލް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ޚިދުމަތްދޭ
ތަންތަނުގެ އެމްބިއުލަންސްތަކާއި އެހެނިހެން ވެހިކަލްތައް މަރާމާތުކޮށް
ބެލެހެއްޓުމުގެ މަސައްކަތް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އިއްޔެ
ހަވާލުކޮށްފިއެވެ.
ބަނދަރު ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސަރުކާރުގެ ކުންފުންޏާ
މި މަސައްކަތް ހަވާލުކުރީ އެކަމަށްޓަކައި ޚާއްޞަ ފަހުމުނާމާއެއްގައި
ސޮއިކުރުމަށްފަހުގައެވެ.
އެމްޕީއެލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި
އެއްބަސްވުމުގެ ދަށުން އަތޮޅުތެރޭގެ ޞިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި
ބޭނުންކުރާ އެމްބިއުލަންސްތައް މަރާމާތުކުރުމާއި، ގަވާއިދުން ސާވިސްކުރުމުގެ
ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ. މިއީ ރަށްރަށުގެ ސިއްހީ
ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހެލްތު މިނިސްޓްރީން ގަބޫލުކުރެއެވެ.
މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން
ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ
އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީނެވެ.
މި މަސައްކަތް އެމްޕީއެލާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ
ފައިނޭންސް އުސޫލުން އެ ކުންފުންޏާ ހަވާލުކޮށްގެން ގެނައި 56 އެމްބިއުލާންސް
މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީއާ
ހަވާލުކޮށްފައެވެ. ޖުމުލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި މި
އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ އެކި ރަށްތަކުގެ ސިއްހީ ޚިދުމަތް
ހަރުދަނާކުރުމަށް ގެނައި އުޅަނދުތަކެކެވެ.
މި އެއްބަސްވުމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތަކަށް
ދިމާވާ މައްސަލަތައް އަވަހަށް ހައްލުކޮށް، މަރާމާތުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް
ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ބައެއް
ރަށްރަށުގައި އެމްބިއުލާންސްތައް ހަލާކުވެ، މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ
ސަބަބުން ޙިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް