ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 2-3 އިން އެފްސީ ޕޯޓޯ އަތުން މޮޅުވި ނަމަވެސް އަވޭ ގޯލުން ކުރި ނުލިބުމުން މުބާރާތުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓައިފިއެވެ.
މި ދެ ޓީމު ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު 1-2 އިން ކާމިޔާބުކޮށްފައިވަނީ އެފްސީ ޕޯޓޯ އިންނެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު މި ދެ ޓީމު ވެސް އެގްރިގޭޓް ނަތީޖާ އިން 4-4 އިން އެއްވަރުވެފައިވީ ނަމަވެސް އަވޭ ގޯލުން ކުރި ހޯދައިގެން ޕޯޓޯ ވަނީ މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދާފައެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އެފްސީ ޕޯޓޯ އިންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޕޯޓޯ އަށް މި ގޯލު ކާމިޔާބުކޮށްދިނީ ސާޖިއޮ އޮލިވިއޭރާއެވެ. މި ލަނޑަށް ފަހު ޔުވެންޓަސްއިން ނަތީޖާ އަނބުރާލެވޭތޯ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެޓީމަށް އެކަން ހާސިލްވާގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު،0-1 ގެ ލީޑެއްގައި ކުރީގައި އޮތީ ޕޯޓޯއެވެ. މެޗުގެ ދެވަނަ ހާފު ޔުވެސްޓަސްއިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ފަހު ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ޔުވެންޓަސްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ރޮނާލްޑޯގެ އެހީތެރިކަމާއި އެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފެޑެރިކް ކިއޭސާއެވެ. ޕޯޓޯއަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 54 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއި އެކު ޕޯޓޯގެ މެހްދީ ޓަރެމީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ފަހުން ޕޯޓޯއިން ކުޅެމުން ގެންދިޔައީ އެއްކުޅުންތެރިއަކު މަދުކޮށް ޑިފެންސިވް ގޭމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ޔުވެންޓަސްއިން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖުއާން ކުއަޑްރާޑޯގެ އެހީތެރިކަމާއި އެކު ފުރަތަަ ލަނޑުވެސް ޖަހައިދިން ކިއޭސާއެވެ. މި ލަނޑާއި އެކު ޔުވެންޓަސްހެ އުންމީދު އާވިނަމަވެސް ޔުވެންޓަސްގެ އުންމީދު ފުނޑުފުނޑުވީ މެޗުގެ އިތުރު ވަގުތުގެތެރޭގައި ޕޯޓޯއިން އެޓީމުގެ ދެވަނަ ގޯލު ޖެހުމާއި އެކުގައެވެ. މެޗުގެ 115 ވަނަ މިނެޓުގައި ޕޯޓޯއިން ޖެހި މި ގޯލަކީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޕޯޓޯގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އޮލިވިއޭރާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޕޯޓޯގެ މި ލަނޑާއި އެކު ޔުވެންޓަސްގެ އުންމީދުތައް ފެނަށް ދިފައެވެ. ނަމަވެސް އެންމެ ފަހުވަގުތާއި ހަމައަށް ވެސް ޔުވެންޓަސްއިން ދިޔައީ ނަތީޖާ އަނބުރާލަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ދަނިކޮށް ރެބިއޮޓް ވަނީ ޔުވެންޓަސް އަށް ލަނޑެއް ޖަހާ މޮޅުކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މި މެޗުގައި 2-3 ގެ ނަތީޖާއިން ކުރިހޯދީ ޔުވެންޓަސްއިން ނެވެ.
މި ނަތީޖާއިން ޔުވެންޓަސް އަށް ކުރި ލިބުނު ނަމަވެސް އެގްރިގޭޓް ނަތީޖާއިން (4-4) އިން އެއްވަރުވެ އަވޭ ގޯލުން ކުރިލިބިގެން ކުއާޓާއިން ފުރުސަތު ލިބުނީ އެފްސީ ޕޯޓޯއަށެވެ.
އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު މުބާރާތުން ވެސް ޔުވެންޓަސް ކަޓާފައިވަނީ ދެވަނަ ބުރުންނެވެ. އެފަހަރު ކެޓީ ފްރާންސްގެ ލިޔޯން އަތުން ބަލިވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް