ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި އުމުރުން70 އަހަރުގެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލު ކޮށްފި އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 ޓާސްކް ފޯސްގެ ޓެކްނިކަލް ޓީމްގައި ހިމެނިވަޑައިގެންނަވާ ޑރ. މުއާޒް މޫސާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔައީ އއ. ބަތަލާ އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި މީހެއް ކަމަށެވެ. އެޗ ފއީ ކޮން ޖިންސެއްގެ މީހެއް ކަމެއް ހާމައެއް ނުކުރެ އެވެ. ޑރ. މުއާޒް ވިދާޅުވީ އެމީހާ އާއި އެކު އޭނާގެ ބައިވެރިޔާވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައްޔަށް ޕޮސިޓީވްވި70 އަހަރުގެ މީހާގެ ހާލު ސީރިއަސްއަށް އެއް ނޫނެވެ. އަދި އޭނާގެ ބައިވެރިޔާ ވައިރަސްއަށް ޕޮސިޓިވް ނުވިޔަސް ހުރީ އައިސޮލޭޝަންގައި ކަމަށާއި އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރަނީ70 އަހަރުގެ މީހާ ގެންދަން ޖެހޭތީ ކަމަށެވެ.
ވައިރަހަށް ޕޮސިޓިވްވި މީހާ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމީ އުމުރަށް ބަލައި ސީރިއަސް ވެދާނެތީ އާއި އިތުރު ފަރުވާ ބޭނުންވާނެތީ ކަމަށް ޑރ. މުއާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާ އަކީ ދިގު މުއްދަތަކަށް އެއްވެސް ބޭހެއްވެސް ބޭނުން ކުރަމުންދާ މީހެއް ނޫން ކަމަށެވެ.
އެމީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ފަހު އަމަލު ކުރަމުންދާނެ ގޮތާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެ މީހާ ޓެސްޓެއް ހަދަން ނުވަތަ އެނޫން ކަމަކު އައިސީޔޫއިން ނެރެން ނުވަތަ ވައްދަންވެސް ބޭނުން ކުރާނީ އާންމުކޮށް ބޭނުން ކުރާ ދޮރެއް ނޫން ކަމަށެވެ. އަދި އޭނާއަށް ފަރުވާދޭ މުވައްޒަފުން ބޭނުން ކުރާނީ އެހެން ދޮރުތައް ކަމަށެވެ.
ރާއްޖެއިން ވައިރަސްއަށް ޕޮސިވްވީ ހަ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް