ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބާތިލު ވޯޓު ގިނަވާގޮތަށް އޮތް މާއްދާ އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. މި އިސްލާހާއި ގުޅޭ ހުރިހާ މަސައްކަތް ކުރީ މިއަދު އެވެ.
ކުރިން ވޯތު ބާތިލުވާ މާއްދާގައި ބުނެފައި އޮތީ ފާހަގަ ލާން ޖެހޭ އަދަދަށްވުރެ އިތުރަށް ވޯޓު ކަރުދާހުގެ ވަކި ބައެއްގައި ފާހަގަ ޖަހައިފި ނަމަ މުޅި ވޯޓު ކަރުދާސްކޮޅު ބާތިލުވާނެ ކަމަށެވެ. އެކަމާ ގުޅިގެން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލް ވޯޓު ގިނަވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފައި އެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލް ވޯޓު ކަރުދާހުގައި ހަތަރު ބައެއް އިންނާނެ އެވެ. ސިޓީ ކައުންސިލްތަކަށް ދެ ބައެއް އިންނާނެ އެވެ. މިއަދު ފާސްކުރި އިސްލާހާއި އެކު ދން ބާތިލު ވާނީ ފާހަގަ ޖަހަން ޖެހޭ އަދަދަށްވުރެ އިތުރަށް ފާހަގަ ޖަހާފައި އިންނަ ބައި އެކަންޏެވެ.
ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ރަށު ކައުންސިލްތަކުގެ ރައީސް އާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަކީ އެ ކައުންސިލެއްގެ ހިމެނޭ އެންމެން ވޯޓު ލައިގެން ވަކިން އިންތިހާބު ކުރާ މަގާމެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް