ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެމްޑިޕީގެ މެންބަރުން ދެކޮޅު!

ކޮރޯނާ ވައިރަސްއާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާއި ވެރިކަން ކުރާ އެމްޑީޕީން ދެކޮޅުކަން މިއަދު ހާމަކޮށްފި އެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވ...

10 Mar 2020 | 09:37

ކޮރޯނާ ވައިރަސްއާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާއި ވެރިކަން ކުރާ އެމްޑީޕީން ދެކޮޅުކަން މިއަދު ހާމަކޮށްފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ހުރިހާ މެންބަރުންހެން ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ނުބާއްވައިފިނަމަ ގައުމަށް ހަމަޖެހުން ލިބެން ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ ޑިމޮކްރެޓިކް އިންތިހާބުތައް ފަސް ކުރުމެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އިންތިހާބު ބާއްވާ ދުވަހު ރައްކާތެރިކަމުގެ ގޮތުން ފަިޔަވަޅުތަކެއް ވަރުގަދަ ކުރާނީ ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ މިންގަޑާއި އެއްގޮތަށް ކަން ކުރުމުން ބަލީގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ އިންތިހާބު ފަސް ކުރުމުން އޭގެ ނުރަނގަޅު އަސަރު މުޅި ގައުމަށް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބު ނުބޭއްވުމަށް މި ބަލިމަޑުކަން އިތުރަށް ފެތުރޭނެ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ރަށްތަކުގެ ހިންގުން ގާނޫނީ ހުސް ކަމުގެ ތެރެއަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ޝަހީމް އިތުރަށް ވިދާޅުވީ ބަލިމަޑުކަން ފެތުރުން ފަދަ ކަންކަން ދިމާވާނެ ކަމަށާއި އޭގައި އޮންނާނެ ގޮތަކީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ތިބުން ކަމަށެވެ. ގައުމުގެ ކަންކަން ހުއްޓާލައިގެން ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުން އިއްޔެ ވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަކި ގައުމުތަކަކުން މީހުން އައުން މަނާ ކުރުމުން އެކަމުގެ ހިތްހަމަ ނުޖެހުންވެސް ފާޅު ކުރައްވާފައި އެވެ. އެގޮތުން އެކަމުން އިގްތިސޯދަށް ގެއްލުންވާނެ ކަމަށް އެމްޑީޕީގެ ހުރިހާ މެންބަރުން ހެން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް