މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ހިދުމަތްތައް މިދުވަސްވަރު އޮންލައިންކޮށް ހޯދުމަށް އިސްކަން ދިނުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކިޔޫގައި ޖެހިގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ތިބުމަކީ ރައްކާތެރިކަމެއް ނޫންކަމެއް ކަމަށެވެ. އެހެންވެ އެ ކުންފުނިން ފޯރުކޮށްދޭ އޮންލައިން ހިދުމަތްތައް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކަށް މޮބައިލް އެޕެއް އިނދެ އެވެ.
އެމްޑަބްލިއުއެސްސީން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ފެން ބިލަށް ފައިސާ ދެއްކުމާއި ބިލްގެ ޖުމްލަ ބަލާލެވުމުގެ އިތުރުން ބިލުގެ ސްޓޭޓަސް ބެލޭނެ އެވެ. އަދި ކިޔޫގައި ނުޖެހި ކޮންމެ ވަގުތެއްގައި ވެސް ފެން ބިލު ދައްކާލެވޭނެ އެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާ ހިދުމަތަށް ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހަޅައި ފޯމުގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮންލައިންކޮށް ބެލޭނެ އެވެ.
އެކުންފުނިން މިގޮތަށް އިލްތިމާސް ކުރިޔަސް އެ ކުންފުނީގެ ކައުންޓަރުތަކުން ހިދުމަތް ލިބޭނެ އެވެ.
އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ މިދުވަސްވަރު ރައްކާތެރި ކަމެއް ނޫންކަމަށް ބުނެފަ އެވެ.
ކޮރޯނާ ވައިރަސްއަށް ރާއްޖެއިން މިހާތަނަށް ހަ މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް