ސޯޝަލް މީޑިއާގައި "އެމްވީކްރައިސިސް" ގެ ނަމުގައި ދައުލަތުގެ ސިއްރު ހާމަކުރާ ކަމަށް ބުނެ އަހުމަދު އަޝްރަފް (ޝުމްބާ) ގެ މޮބައިލް ފޯނު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އޭނާ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން އިއްޔެ ނެރުއްވާފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ޝުމްބާ ބޭނުންކުރާ މޮބައިލް ފޯނުތަކާއި އެ ފޯނުގައި ބޭނުންކުރާ ސިމްކާޑުތަކާއި މެމޮރީ ކާޑުތަކާއި އެ ތަކެތިން ކޮށްފައިވާ މުއާމަލާތުތަކާއި މައްސަލައާ ގުޅުން ހުރި މުއާމަލާތްތައް ހޯދަން ބޭނުންވާ ކަމަށެވެ. އެއީ އެމްވީކްރައިސިސް މެދުވެރިކޮށް، ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރަން އެދުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުގައި އެވެ.
ފުލުހުން ކޯޓު އަމުރަށް އެދިފައިވާ އިންޓެލިޖެންސް ރިޕޯޓަކާއި އެ ޕޭޖުގައި ކޮށްފައިވާ ޕޯސްޓުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެމްވީކްރައިސަސް ހިންގާ ކަމުގެ ތުހުމަތު ފުލުހުން ކުރަނީ ޝުމްބާއަށެވެ.
އޭނާގެ ފޯނު ހިފެހެއްޓީ 30 ދުވަހުގެ މުއްދަތަކަށެވެ.
ފުލުހުންގެ އިދާރާއިން ވަނީ އޭނާ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރިކަމަށް ބުނެފައިވެ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޝުމްބާ އާންމުންގެ ތެރެއަށް މަޝްހޫރުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްރީލަންކާގައި ހުއްޓަ އެ ގައުމުގެ ފުލުހުން މެދުވެރިކޮށް ހައްޔަރުކޮށް ގެނެސް އެއްވެސް ހުކުމަކާއި ނުލައި ޖަލުގައި ބެހެއްޓުމުންނެވެ. އޭނާ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަރަށް ގާތް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް