އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ހުށަހަޅާފައިވަނީ އަސާސެއް ނެތް އިލްޒާމްތަކެއް އަޅުވާފައި ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިކަން ހާމަ ކުރެއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އެވެ. އޭނާ މީޑިއާގައި ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅީ14 މެމްބަރުންގެ ސޮޔާއި އެކު ކަމަށެވެ.
މި މައްސަލައިގަ މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސާސެެއް ނެތް ކަމެއްގައި އިލްޒާމް އަޅުވައި އަދަބު ދޭން އުޅުމަކީ ދުސްތޫރާއި ހިލާފު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަގާމުގައި ހުންނަވައިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށެވެ.
އަދި މަލީހު ވަނީ ގާނޫނަށްވުރެ މަތީގައި މި ގައުމުގައި ބަޔަކު އުޅެނީތޯ ސުވާލު ކުރައްވާފައި އެވެ. މީގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ބޯޑު އަދި މުވައްޒަފުން ކުރާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައި އެވެ.
https://twitter.com/maleehjamal/status/1359430502017454080
މަލީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި މިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ އިތުރުނެތް ކަމަށް ނިންމައި މިނިސްޓަރު ކަމުން ވަކިކޮށްދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވުމަށްފަހު އެވެ.
އޭރު ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ ޖަލްސާތައް ފެށެން ވާއިރަށް މަލީހު މަގާމުން ވަކި ނުކޮށްފި ނަމަ އެމްޑީޕީން އޭނާ އާއި ދެކޮޅަށް އިތުރުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް