ގއ. ކަނޑުހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ކަނޑުހުޅުދޫ ހޯމް ކަރަންޓީންގައި ހުރި އެ މީހާ ފައްސިވެފައި ވާކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަވެގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުންނެވެ. ކަނޑުހުޅުދޫން މީގެކުރިން ވެސް ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް، ހޯމް ކަރަންޓީންގައި ތިބޭ މީހުން ކޮވިޑް-19 އަށް ފައްސިވުން ވަނީ އިތުރުވެފައެވެ. އަދި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކާއި ގދ. ތިނަދޫގައި ކަރަންޓީންގައި ނެތް ބަޔަކު ވަނީ ފައްސިވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި އިއްޔެ ރާއްޖެއިން 192 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 154 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. 11 މީހަކު ޕޮޒިޓިވް ވެފައިވަނީ ރަށް ރަށުންނެވެ. ރިސޯޓްތަކުން 27 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މި އަދަދުތަކާއެކު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 17 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 2216 އަށް އަރާފައިވާއިރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 204 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް