އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މިއަދުގެ ފަތިސް ނަމާދަށް ފަހު ހުއްޓާލައިފި އެވެ.
އެ ސިޓީގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލީ އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އާއި އެ ސިޓީގައި ކޯވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގީ މިއަދު ފަތިސް ނަމާދުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.
އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ގަވައިދުން ކުރާނެ ކަމަށް ބުނެ އެވެ.
އެ މިނިސްޓްރީން ވަނީ މި ދުވަސްތަކުގައި މިސްކިތްތަކުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާ ކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައި އެވެ.
ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދު ތަކަށް އަމަލު ކުރުމަށާއި މާތް ﷲ ގެ ރަހުމަތުން މާޔޫސްނުވެ ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲ އަށް ވަކީލު ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް